ޚަބަރު
ނ. މާޅެންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

ނ. މާޅެންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު. ފޮޓޯ: ރައީސް އޮފީސް
މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫގައި އަލަށް އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ.
މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ ދަތުރުފުޅެއްގައި އެރަށަށް ވަޑައިގެން ހުންނެވި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިޢުއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އެމަނިކުފާނުގެ އަރިހުގައި މިލަދުންމަޑުލު ދެކުނުބުރިއަށް ވަޑައިގެންނެވި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާނީ ފެނަކަ ކޯޕަރޭޝަންގެ ބެލުމުގެ ދަށުންނެވެ.
ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ އިތުރުން، އެރަށުގައި އަލަށް ހަދާ ޖިމްގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ ފެނަކައާއެވެ. މި ދެ މަޝްރޫޢަކީވެސް މި އަހަރުގެ ތެރޭގައި ނިންމުމަށް ރޭވިފައިވާ މަޝްރޫޢުތަކެކެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ގޮތުން، އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކުރުމަށް ވަނީ ރޭވިފައެވެ. މި ސެންޓަރުތައް ޤާއިމްކުރުމުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ތިބޭ ބަޔަކަށް ހެދުމާއި، ހަށިހެޔޮ ދިރިއުޅުމަކަށް އާންމުން ހޭލުންތެރިކުރުވުމެވެ.
ސަރުކާރުން ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އައު މަޝްރޫޢުތަކުގެ އިތުރުން ކުރީގެ ސަރުކާރުގެ ދައުރުގައި ނުނިމިހުރި ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތްވެސް މިހާރު އަލުން ފަށައި، ހަލުވި ދުވެލީގައި ކުރިއަށް އެބަދެއެވެ.