Ads by Stelco

ޚަބަރު

އިންސާނީ ވަގުފާރި ހުއްޓުވުމަށް މުއައްސަސާތައް ބާރުވެރިކުރުވުމުގެ ޚާއްސަ ވޯކްޝޮޕެއް ފަށައިފި

އިންސާނީ ވަގުފާރި ހުއްޓުވުމަށް މުއައްސަސާތައް ބާރުވެރިކުރުވުމުގެ ޚާއްސަ ވޯކްޝޮޕެއް ފަށައިފި

އިންސާނީ ވަގުފާރި ހުއްޓުވުމަށް މުއައްސަސާތައް ބާރުވެރިކުރުވުމުގެ ޚާއްސަ ވޯކްޝޮޕް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 ޖުލައި 2025، 01:45

22 ޖުލައި 2025، 01:45

އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، މިކަމުގައި ޝާމިލްވާ އެންމެހާ މުއައްސަސާތައް ބާރުވެރިކުރުވުމަށް ޚާއްސަ ތަމްރީނު ވޯކްޝޮޕެއް، ކްރޮސްރޯޑްސް މޯލްޑިވްސްގައި ބާއްވައިފިއެވެ. މިއީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިންގާ، މީހުން ވިލަރެސްކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން، ދެ ދުވަހަށް ކުރިއަށްގެންދާ ވޯކްޝޮޕެކެވެ.

މި ތަމްރީނު ޕްރޮގްރާމު ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވީ، ހިއުމަން ޓްރެފިކިން ނުވަތަ އިންސާނީ ވަގުފާރިއަކީ ރާއްޖޭގެ އިތުރުން މުޅި ދުނިޔެއަށްވެސް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއްކަމަށެވެ.



 ޑރ. ޢަލީ ޙައިދަރު އަޙުމަދު ފާހަގަކުރެއްވި ގޮތުގައި، އިންސާނީ ވަގުފާރިއަކީ ހަމައެކަނި ޖިނާއީ މައްސަލައެއް ނޫން؛ އެއީ އަސާސީ އިންސާނީ ޙައްޤުތަކަށް އަރައިގަތުމެއް ކަމަށާއި، މިނިވަންކަމާ ދެކޮޅަށް ކުރެވޭ ހަމަލާއެއްކަމަށެވެ. "މި ކޮންފަރެންސް ބޭއްވޭ ވަގުތުގައިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނުން ވިޔަފާރީގެ ގޮތުގައި ގަނެވިއްކުމުގެ ވިއުގަތައް ދަނީ އިތުރަށް ފުޅާވަމުން. އެ ފަރާތްތަކުން އާ ޓެކްނޮލޮޖީއާއި، އިޖްތިމާޢީ-އިޤްތިޞާދީ ނާޒުކުކަން ނަހަމަ ގޮތުގައި ބޭނުންކުރަމުންދޭ." ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) ޑރ. ޢަބްދުﷲ ފައިރޫޝް ވިދާޅުވީ، ހަމައެކަނި ސަރުކާރުން މަސައްކަތްކޮށްގެން އިންސާނީ ވަގުފާރީގެ މައްސަލައަށް ހައްލެއް ނުގެވޭނެކަމަށެވެ. "ހިއުމަން ޓްރެފިކިންގެ ނިޒާމަކީ ޤާނޫނު ފުރިހަމަކޮށްދީފައިވާ ނިޒާމެއް ނޫން. އަދި ނިޒާމުގައި މިހާތަނަށް ކަނޑައަޅާފައިވަނީ ވިކްޓިމްސް ބެލެހެއްޓުމަކީ ހަމައެކަނި އެންޓި ޓްރެފިކިންގ އެންޑް ޕާސަންސް އޮފީހުގެ މަސްއޫލިއްޔަތެއްކަމަށް. މި މައްސަލަ އަޅުގަނޑުމެންނަށް ހައްލުކުރެވޭނީ ހުރިހާ އެންމެންގެވެސް އެއްބާރުލުމާއި އެހީތެރިކަމާއެކު." ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ފައިރޫޝް ވިދާޅުވިއެވެ.

މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ، އިންސާނީ ވަގުފާރިއަކީ ކޮބައިކަމާއި، އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތައް ދެނެގަތުމާއި، އެމީހުންނަށް އެހީތެރިވެވޭނެ ގޮތްތަކަކީ ކޮބައިކަން ދެނެގަތުމެވެ. އިންސާނީ ވަގުފާރި ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކޮށް މިކަމުގައި ޝާމިލްވާ އެންމެހާ މުއައްސަސާތައް ހޭލުންތެރިކޮށް، މިކަމާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަކީވެސް މި ތަމްރީނު ޕްރޮގްރާމުގެ ބޭނުމެއްކަމަށް ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.


                    

Ads by MSS

މި ލިޔުން ކިޔާލުމުން