ޚަބަރު
ފެންނަ ނުފެންނަ ވޯޓުގެ މުއްދަތު އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެދިއްޖެ!

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލާ ގުޅޭގޮތުން މަޝްވަރާކުރުމަށް އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރުން ފޮޓޯ: މަޖިލިސް
ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ވޯޓެއް ނުވަތަ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހުށަހަޅާފައިވާ ބިލުގައި ބަޔާންކުރައްވާފައިވާ މުއްދަތު އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) އެދިއްޖެއެވެ. އެ ކޮމިޝަނުން މިގޮތަށް އެދިފައިވަނީ، ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ މި ބިލާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެ ކޮމިޝަނުގެ މެންބަރުން ހާޒިރުކުރެއްވުމުންނެވެ.
ރައްޔިތުންގެ ޚިިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލުގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގަރާރު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމުން، އެ ވޯޓު ނެގުމަށް ކޮމިޝަނަށް ލިބޭނީ 45 ދުވަހާއި 90 ދުވަހާ ދެމެދުގެ މުއްދަތެކެވެ.
ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރައްވާ ގޮތުގައި، އެއީ ބައެއް ހާލަތްތަކުގައި ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް އެކަށީގެންވާ ވަގުތެއް ނޫނެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގޭނެ ހާލަތްތަކާއި އެ ވޯޓާ ގުޅޭ ކަންކަން ވަކި ޤާނޫނެއްގައި ކަނޑައެޅިފައި އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އެފަދަ ވޯޓެއް ނަގަން ޖެހޭނީ ރައްޔިތުންނަށް ވޯޓުގެ ސުވާލު ވަރަށް ރަނގަޅަށް ދޭހަވެ، އެ ސުވާލަށް ހޭލުންތެރިކަން އުފެދިގެން ކަމަށް ވެސް ޒާހިދު ވިދާޅުވިއެވެ.
ޒާހިދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރު ބާއްވާ އިންތިޚާބުތަކުގައި ވޯޓު ނަގާނެ ތާރީޚު ކުރިން އެނގޭތީ އެ ވޯޓަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ލިބެއެވެ. ނަމަވެސް، ފެންނަ ނުފެންނަ ވޯޓުގެ ބާވަތުން، 90 ދުވަހުގެ ތެރޭގައި ރައްޔިތުންނަށް އެކަށީގެންވާ މައުލޫމާތު ފޯރުކޮށްނުދެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، މިހާރު ބިލުގައިވާ މުއްދަތު 45 ދުވަހާއި 120 ދުވަހާ ދެމެދުގެ މުއްދަތަކަށް ބަދަލުކުރުމަށް ފެނިވަޑައިގަންނަވާ ކަމަށް ޒާހިދު ވިދާޅުވިއެވެ.
"އިދާރީ ގޮތުން މައްސަލައަކަށްވުރެ ބޮޑަށް ރައްޔިތުންނަށް މިކަންކަން ސާފުކޮށް އެނގިގެން، އަންގައިދޭން ތިބޭ މީހުން އަޅުގަނޑުމެން ހިމެނޭހެން. އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް މި މަޢުލޫމާތު ދޭން ވަގުތު އިތުރަށް ބޭނުންވާނެކަމަށް ފެންނާތީ އަޅުގަނޑު ހިތަށްއެރީ ވަރަށް ރަނގަޅުވެދާނެއޭ އޭތި ހަމައެހެން ގިނަ އިންތިޚާބުތަކާ އެއްގޮތަށް ގާތްގަނޑަކަށް 120 ދުވަހުގެ މުއްދަތެއް ދީފިއްޔާ ރަނގަޅުވާނެއޭ،" އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވިއެވެ.
ޒާހިދު ވިދާޅުވީ، ކުރު މުއްދަތެއްގައި ވެސް އިންތިޚާބެއް ބާއްވަން ޖެހިއްޖެ ހާލަތެއްގައި އެ ކޮމިޝަނުން އެ މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް، މާލީ ގޮތުންނާއި އިންތިޚާބަށް ބޭނުންވާ އޮފިޝަލުން ހޯދުމުގައި ދަތިތަކާ ދިމާވާކަން އޭނާ ފާހަގަކުރެއްވިއެވެ. ފެންނަ ނުފެންނަ ވޯޓު ނެގުމާބެހޭ ބިލު ފާސްވެ، ޤާނޫނަކަށް ވެގެންދާއިރު، އެފަދަ ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް ޤަރާރު ލިބޭ ދުވަހުން ފެށިގެން ވަކި މުއްދަތެއްގެ ތެރޭގައި ދައުލަތުން ބަޖެޓް ދޭން ގޮތް ޤާނޫނުގައި ކަނޑައަޅާފައި އޮތުން މުހިންމު ކަމަށް ވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވިއެވެ.