ޚަބަރު
މިއަހަރުގެ ނިޔަލަށް ލަންދޫ އައިސްޕްލާންޓްގެ މަސައްކަތް ނިންމާލެވޭނެ: ރައީސް މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް
މި އަހަރު ނިމުމުގެ ކުރިން ނ.ލަންދޫގައި ޤާއިމްކުރުމަށް ނިންމާފައިވާ އައިސްޕްލާންޓްގެ މަސައްކަތް ނިންމާލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ނ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ލަންދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، އެރަށުގައި ޤާއިމްކުރާ އައިސްޕްލާންޓަކީ އިރުގެ އަލިން އުފައްދާ ކަރަންޓުން ލިބޭ ހަކަތަ ބޭނުންކޮށްގެން އޮޕަރޭޓްކުރާ ޕްލާންޓެއް ކަމަށެވެ. މި ޕްލާންޓުން 15 ޓަނުގެ އައިސް އުފެއްދުމާއެކު 30 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީއެއް ހުންނާނެ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
އައިސްޕްލާންޓްގެ މަސައްކަތް ލަސްވެފައިވަނީ ތިމާވެށީގެ ދާއިރާއިން ލިބިފައިވާ ފަންޑެއްގެ ތެރެއިން ކުރިއަށްދާ މަޝްރޫޢަކަށްވެފައި، ނަގަންޖެހޭ ހުއްދަތަކެއް ހުރުމުން ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިހާރު އެ ހުއްދަތައް ލިބި، ކުރިއަށް އޮތް ދުވަސްތަކުގައި އަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވިއެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވަނީ ލަންދޫގެ އެހެނިހެން ތަރައްގީގެ މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތުވެސް ހިއްސާކުރައްވާފައެވެ. މިގޮތުން ފެނުގެ ނިޒާމުގެ މަސައްކަތްތައް ކުރުމަށް ވާންޖެހޭ ތައްޔާރީތައްވެ، އެމްޑަބްލިއުއެސްސީން އެ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި، ސިއްހީ މަރުކަޒާއި ސްކޫލުގައި އިތުރު ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.
ރަށުގެ ގިރާ ސަރަހައްދުގެ މައްސަލަ ހައްލުކުރުމަށާއި މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސެޕްޓެމްބަރު މަހުގެ ތެރޭގައި ސޮއިކޮށް، މި އަހަރުގެ ފަހުކޮޅު އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.