ޚަބަރު
މަނަދޫ ހޮސްޕިޓަލުގެ އައު އިމާރާތާއި ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފި

މަނަދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވުން، ފޮޓޯ: ރައީސް އޮފީސް
ނ. މަނަދޫ ހޮސްޕިޓަލުގެ އައު އިމާރާތާއި އެ ރަށުގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ.
މި އިމާރާތްތަކުގެ ބިންގާ އަޅާފައި ވަނީ ނ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު މަނަދޫއަށް ވަޑައިގެން މިއަދު ހެނދުނު ވަކިވަކިން ބޭއްވި ދެ ރަސްމިއްޔާތެއްގައެވެ. މި ދެ ރަސްމިއްޔާތުގެ ވެސް ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާއެވެ.
ނ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތަކީ އެ ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަން ޙައްލު ކުރެއްވުމަށާއި، އެ ހޮސްޕިޓަލުން ދޭ ޚިދުމަތްތައް ތަރައްޤީކޮށް ފުޅާކުރުމަށްޓަކައި ކުރިޔަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫއެކެވެ.
މަނަދޫގައި ތަރައްޤީ ކުރާ އައު ހޮސްޕިޓަލަކީ 50 އެނދުގެ ހޮސްޕިޓަލެކެވެ. މި މަޝްރޫޢު އަކީ ސަރުކާރުން 187 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މިމަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 780 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.
ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވީ ސިއްޙީ ވަޒީރު، އޮނަރަބަލް ޢަބްދުالله ނާޒިމް އިބްރާޙިމް އާއި އެމްޓީސީސީގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރ، ޑީސީޕީ ރިޓަޔާޑް އަޙުމަދު ސައުދީއެވެ. އެ ބޭފުޅުންގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު، އަލްއުސްތާޛު ހުސްނީ މުބާރިކް އާއި މަނަދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަބްދުއްރަޙްމާން ޞަބީޙުއެވެ.
President Dr @MMuizzu attends the groundbreaking ceremony of the construction project for the Noonu Atoll Hospital’s new building. At today’s ceremony, the Minister of Health, Abdulla Nazim Ibrahim, and the Managing Director of MTCC, DCP (RETD) Ahmed Saudee, laid the foundation… pic.twitter.com/gZuGDWWuNL
— The President's Office (@presidencymv) July 22, 2025
ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީ ކުރާ މި ހޮސްޕިޓަލުގެ ސަބަބުން، މި ސަރަހައްދުގެ ރައްޔިތުންނަށާއި އެރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ސިއްޙީ އެހީތެރިކަން ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އެޅުއްވުމަށްފަހު، އެ ރަށު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ ވެސް މިއަދު ވަނީ އަޅާފައެވެ.
މަނަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވާދެއްވީ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު، އޮނަރަބަލް ޢަބްދުﷲ ރާފިޢުއެވެ. އެ މަނިކުފާނުގެ އަރިހުގައި އެމްޓީސީސީގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރ، ޑީސީޕީ ރިޓަޔާޑް އަޙުމަދު ސައުދީ އާއި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު، އަލްއުސްތާޛު ހުސްނީ މުބާރިކް އަދި މަނަދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަބްދުއްރަޙްމާން ޞަބީޙު ބައިވެރިވެވަޑައިގެންނެވިއެވެ.
ފިޓްނަސް ސެންޓަރުގެ އިތުރުން، އައުޓްޑޯ ޖިމާއި، މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް މަނާދޫގައި އަޅުއްވައި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އެއީ ބޭރުގެ ފަންޑުގެ އެހީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެއްކަމަށާއި، އެކަމަށް މިހާރު ފަންޑު ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މި އަހަރު މަނަދޫގައ ވޮލީ ކޯޓެއް އެޅުންވެސް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.