Ads by Stelco

ޚަބަރު

އަންނަ އަހަރު ބޯހިޔާވަހިކަމަށް އެއް ބިލިއަން ރުފިޔާގެ މަޝްރޫޢު ހިންގަވާނެކަމަށް ރައީސް ވިދާޅުވެއްޖެ

އަންނަ އަހަރު ބޯހިޔާވަހިކަމަށް އެއް ބިލިއަން ރުފިޔާގެ މަޝްރޫޢު ހިންގަވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

22 ޖުލައި 2025، 08:59

22 ޖުލައި 2025، 08:59

މިއަންނަ އަހަރު ބޯހިޔާވަހިކަމަށް ޚާއްސަކޮށް އެއް ބިލިއަން ރުފިޔާގެ މަޝްރޫޢު ހިންގަވާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، އެ މަނިކުފާނު މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ވެރިކަންކުރާ މަނަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުޚާތަބުކޮށް ރޭ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. 

އެ މަނިކުފާނު ވިދާޅުވީ، ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު އިޖުތިމާޢީ އެއް މައްލަސައަކީ ބޯހިޔާވަހިކަން ކަމަށާއި، އެ މަނިކުފާނުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި އެކަމަށް އިސްކަމެއް ދެއްވި ސަބަބަކީ ވެސް އެއީ ކަމުގައެވެ. އެ ވަޢުދު ފުއްދުމުގެ ގޮތުން އެއް އަހަރުގެ ތެރޭގައި ހުރިހާ ތަނެއްގެ މަސައްކަތް ނުފެށޭނެ ކަމަށާއި، ނަމަވެސް އެ މަނިކުފާނުގެ ދައުރު ނިމުމުގެ ކުރިން، އެ ވަޢުދު ފުއްދަވާނެކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަނަދޫގައި މިހާރު އިޢުލާން ކޮށްފައިވާ 50 ހައުސިން ޔުނިޓަކީ އޭގެ އެއް ބައި ކަމަށެވެ. އަދި އަންނަ އަހަރު އިތުރު 50 ހައުސިން ޔުނިޓާ އެކު، އެކި އަހަރުތަކަށް ބަހާލައިގެން މަޝްރޫއުތައް ގެންދާވާނެކަމަށް ވިދާޅުވިއެވެ. 

ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލު ކުރެއްވުމަށް ސަރުކާރުން ވަނީ "ހިޔާވަހި" ނަމުގައި ލޯނު ސްކީމެއް ތަޢާރަފްކޮށްފައެވެ. ފަސް ޕަސެންޓް އިންޓަރެސްޓް ރޭޓުގައި ލޯނު ދޫކުރަނީ 25 އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ.

މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގެ ތަރައްޤީއާ ގުޅުންހުރި މުހިންމު ކަންތައްތަކެއް ވެސް ޙިއްސާކުރައްވާފައެވެ. އެގޮތުން އެ ރަށުގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަ ޙައްލުކުރުމުގެ ގޮތުން، އެ ރަށުގައި އައު ނަރުދަމާ ނިޒާމަކާއެކު، މަގު ހެދުމުގެ މަޝްރޫޢު މި އަންނަ މަހު ފެށުމަށް ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ.

އައު ނަރުދަމާ ނިޒާމުގެ މަޝްރޫޢު ފެނަކައާ ހަވާލުކުރަން ނިންމާފައިވާއިރު، އެ މަޝްރޫޢު ނިންމުމަށް ހޭދަވާ ދުވަސްތަކުގައި މިހާރުގެ ނިޒާމަކަށް ވަގުތީ ޙައްލެއް ހޯދުމަށް ފެނަކައިން މަސައްކަތްކުރާކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މަނަދޫ އާއި މުޅި ނ. އަތޮޅުގެ ސިއްޙީ ދާއިރާ ކުރިއެރުވުމުގެ ގޮތުން، އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތް އެޅުމާއި، އެ ހޮސްޕިޓަލުގައި އައު ޚިދުމަތްތައް ޤާއިމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ފިޒިއޮތެރަޕީ، މެންޓަލް ހެލްތު، ސްޕީޗްތެރަޕީ ފަދަ ދާއިރާތަކުން ޚިދުމަތް ޤާއިމްކުރައްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު، ކުޅިވަރުގެ ދާއިރާ އާއި ތަޢުލީމީ ދާއިރާގެ ތަޞައްވުރު ވެސް ރައީސުލްޖުމްހޫރިއްޔާ ޙިއްސާ ކުރެއްވެވިއެވެ. 

އެގޮތުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކާއި، އައުޓްޑޯ ޖިމާއި، މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅާނެކަމަށެވެ. މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އެއީ ބޭރުގެ ފަންޑުގެ އެހީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެއްކަމަށާއި، އެކަމަށް މިހާރު ފަންޑު ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި އަހަރު މަނަދޫގައ ވޮލީ ކޯޓެއް އެޅުންވެސް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް މަނަދޫގައި ޔުނިވާސިޓި ކެމްޕަހެއް އެޅުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދު ފުއްދުމަށް އިސްލާމީ މިނިސްޓްރީން މަސައްކަތްތަކެއްކުރަމުންދާކަމަށް ވިދާޅުވިއެވެ. އެ މަސައްކަތްވެސް ބިން ހަމަޖެހުނުހާ އަވަހަށް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން