Ads by Stelco

ޚަބަރު

ދަރަނިތައް ދެއްކުމުގައި ދަތިތަކާ ކުރިމަތިނުވެ، ހުރިހާ ވަޢުދެއް ފުއްދާނަން: ރައީސް މުޢިއްޒު

ދަރަނިތައް ދެއްކުމުގައި ދަތިތަކާ ކުރިމަތިނުވެ، ހުރިހާ ވަޢުދެއް ފުއްދާނަން: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނޫނު އަތޮޅުގައި ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 ޖުލައި 2025، 05:47

21 ޖުލައި 2025، 05:47

ރާއްޖޭގެ ދަރަނިތައް ދެއްކުމުގައި ދަތިތަކާ ކުރިމަތިނުވެ، މި އަހަރާއި އަންނަ އަހަރު ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވަޢުދެއް ފުއްދުމުގެ ޢަމަލީ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ނ. ކެނދިކުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމަށް ވަރަށް ބޮޑަށް އިސްކަންދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.

ކެނދިކުޅުދޫގައި ސަރުކާރުން މިހާރު ފަށާފައިވާ ބަހުގެ ޚިދުމަތަކީ އެ ރަށަށް ވެވަޑައިގެންނެވި ވަޢުދެއް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ޚިދުމަތް ރައްޔިތުންނާއި ސްކޫލް ކުދިން އެދޭ ގޮތަށް ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި މި ޚިދުމަތް ދެ ބަހުން ފެށިނަމަވެސް، ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާކުރެވޭނެ ކަމަށް ރައީސް ވަނީ ޔަޤީންކަން ދެއްވާފައެވެ.

މީގެ އިތުރުން، ކެނދިކުޅުދޫ ސްކޫލަށް އިތުރުކުރެވޭ ކްލާސްރޫމް މަޝްރޫޢު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެ މަޝްރޫޢު ނިމޭނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. ކެނދިކުޅުދޫ ސިއްޙީ މަރުކަޒަށް މުވައްޒަފުން އިތުރުކުރުމަށް ހުއްދަ ދެއްވާފައިވާ ކަމަށާއި، އިތުރަށްވެސް ޚިދުމަތް ފުޅާކުރުމަށް އިސްކަންދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން އެމްބިއުލާންސްގެ ޚިދުމަތް ފުޅާކޮށް، ސިއްޙީ ޚިދުމަތް ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ކުޅިވަރުގެ ދާއިރާއަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ، ރެކްރިއޭޝަން ސެންޓަރެއް ޤާއިމްކޮށް، ހަލާކުވެފައިވާ ދަނޑު މަރާމާތުކޮށް، ކުޅިވަރުގެ އިތުރު ވަސީލަތްތައްވެސް އެ ރަށުގައި ޤާއިމްކޮށްދެއްވާނެ ކަމަށެވެ.

ނުނިމި ހުރި ފެނާއި ނަރުދަމާގެ މަޝްރޫޢުއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްފައިވާ ކަމަށާއި، ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެ މަޝްރޫޢުވެސް ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަގު ހެދުމުގެ މަޝްރޫޢުގެ އީއައިއޭ ނިމިފައިވާތީ، މާ ލަސްތަކެއްނުވެ އެ މަޝްރޫޢު ފެށޭނެ ކަމަށްވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.

އެންމެ މުހިންމު އެއްކަމެއް އާމްދަނީ އިތުރުކުރުމަށް ރައްޔިތުންނަށް މަގުފަހިކުރުން. ޓޫރިޒަމްގެ ދާއިރާއިން ފުދުންތެރިކަން އިތުރުކުރުމަކީ އަޅުގަނޑުގެ ވަޢުދެއް. އެކަމުގައި އަޅުގަނޑު ތިބޭފުޅުންނާއެކީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކީ އަދި މެންބަރާއެކީ މަސައްކަތް ކުރެވެމުންދަނީ. ޖުމްލަކޮށް ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށްވީ ވަޢުދުތައް ފުއްދުމަށް މަސައްކަތްކުރަމުންދަނީ 

ރައީސް ޑރ. މުޢިއްޒު


ކެނދިކުޅުދޫގެ "މެންގްރޫވް އައިލެންޑު" ބްރޭންޑުކުރުމަށް ކައުންސިލާއި ރައްޔިތުން ދޭ އަހަމިއްޔަތަށް އިޖާބަދީ، ރައްޔިތުން އެދޭ ގޮތަށް އިކޯ ޓޫރިޒަމް ފަށައި ފުޅާކުރުމަށް ގޮތްތަކެއް ހޯދައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކެނދިކުޅުދޫގެ ތަރައްޤީއަށް ވެފައިވާ ހުރިހާ ވަޢުދެއް މި އަހަރާއި އަންނަ އަހަރު ފުއްދައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. މިއަހަރު ގިނަ ރަށްރަށުގައި ކުރިއަށް އޮތް ފަސް މަސް ދުވަސްތެރޭގައި ގިނަ މަޝްރޫޢުތައް ފެށޭނެ ކަމަށާއި، އަންނަ އަހަރުވެސް އިތުރު ރަށްތަކުގައި މަޝްރޫޢު ފެށި، ދެ އަހަރު ތެރޭގައި ހުރިހާ ވަޢުދެއް ފުއްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން