ޚަބަރު
އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން. ފޮޓޯ: ސަން މީޑިއާ
އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން މިއަދު ފަނޑިޔާރުކަމުގެ މަޤާމުން ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރެއްވުމާ ގުޅިގެން، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
ޖޭއެސްސީން މިކަން އިޢުލާން ކުރުމާއެކު، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، ފަނޑިޔާރުކަން ނުވަތަ ވަކީލުކަމުގައި މަދުވެގެން 7 އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރެވޭނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަންފުޅު ހުށަހެޅުއްވުމުން، އެ މަޖިލީހުން ފާސްކުރުމުންނެވެ.
2019 ވަނަ އަހަރު އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރެވުނު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ ޝަރަފްވެރިކަމާއެކު މަޤާމުން ރިޓަޔަރވެވަޑައިގެންނެވި ފުރަތަމަ އުއްތަމަ ފަނޑިޔާރެވެ. އެމަނިކުފާނު ވަނީ މީގެ ކުރިންވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމު ފުރުއްވާފައެވެ.
މުޢުތަޞިމް ރިޓަޔަރކުރެއްވުމާ ގުޅިގެން، ސުޕްރީމް ކޯޓު ވަގުތީގޮތުން ހިންގެވުމުގެ ޒިންމާ ވަނީ އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއާ ހަވާލުކުރެވިފައެވެ.