Ads by Stelco

ޚަބަރު

ހެނބަދޫ ފަޅުހިއްކުމުގެ މަޝްރޫޢު މި އަހަރު ފަށާނެކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ދެއްވައިފި

ހެނބަދޫ ފަޅުހިއްކުމުގެ މަޝްރޫޢު މި އަހަރު ފަށާނެކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 ޖުލައި 2025، 03:18

21 ޖުލައި 2025، 03:18

ނ. ހެނބަދޫގެ ރައްޔިތުން އެދޭގޮތަށް، މި އަހަރުގެ ތެރޭގައި އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވީ، ހެނބަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ހެނބަދޫއަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަކުރެއްވުމަށް ވަރަށް އިސްކަންދެއްވާ ކަމަށެވެ. އެގޮތުން، އެ ރަށަށް މިވަޑައިގަތީ އެ މަޝްރޫޢުތައް ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ރައީސް ވިދާޅުވީ، ހެނބަދޫއަށް މިވަގުތު އެންމެ މުހިންމީ ރަށުގެ ފަޅުހިއްކުމުގެ މަޝްރޫޢު ކަމަށާއި، އެ ރަށް އެންމެ ބޮޑަށް ހިއްކޭ ވަރަށް ހިއްކާނެ ކަމަށެވެ. މީގެ އިތުރުން، އެންމެ އަވަހަށް ކޮންޓްރެކްޓުކުރުމަށް ހުޅުވާލާ މަޝްރޫޢުތަކުގެ ތެރޭގައި ހެނބަދޫގެ ބިން ހިއްކުން ހިމެނޭކަންވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.

ބިން ހިއްކުމުގެ ހަ ބެޗުގެ މަސައްކަތް މިހާތަނަށް ހަވާލުކުރެވިފައިވާ ކަމަށާއި، ހަތްވަނަ ބެޗު ފެށޭއިރު އޭގެތެރޭގައި ހެނބަދޫ ހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިއަހަރާއި، އަންނަ އަހަރަކީ ތަރައްޤީގެ މަޝްރޫޢުތައް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ އަހަރު ކަމަށާއި، މިއަހަރަކީ ހެނބަދޫގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ފެށޭ އަހަރެއް ކަމުގައި ރައީސް ވަނީ ސިފަކުރައްވާފައެވެ.

ބިން ހިއްކާ ނިމޭއިރު ތޮށި ވަރަށް ކައިރިވާނެ ކަނޑާ. އެހެންވީމަ ބަލަންޖެހޭ ކަންކަން އެބަހުރި. ސެޕްޓެމްބަރަށް ދާއިރު ކޮންޓެކްޓަރަކާ މަޝްރޫޢު ހަވާލުކުރެވޭނެ. އަދި ނޮވެމްބަރު މަހު ހަތްވަނަ ބެޗުގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށޭނެ. އެހެންވީމަ ހެނބަދޫގެ ބިން ހިއްކުންވެސް ފެށޭނެ

ރައީސުލްޖުމްހޫރިއްޔާ


ރައީސްގެ ވާހަކަފުޅުގައި، ހެނބަދޫއިން ހިއްކެން އޮތީ ހަތް ވަރަކަށް ހެކްޓަރު ކަމަށް ވިދާޅުވި ނަމަވެސް، އެއީ ރަށަށް މުހިންމު މަޝްރޫޢެއްކަން އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ. އެއީ ރައްޔިތުންގެ ބޯހިޔާވަހިކަމާއި، ކުޅިވަރުގެ ވަސީލަތްތައް ފަދަ ކަންކަން ޤާއިމްކުރުމަށް ބޭނުންވާ މަޝްރޫޢެއް ކަމަށާއި، އެމަނިކުފާނުގެ ވަޢުދާ އެއްގޮތަށް ހިއްކާ ބިމުގައި ފުޓުބޯޅަ ދަނޑެއްވެސް ތަރައްޤީކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ބިން ހިއްކުމާއި ތޮށިލުމާއި ފުޓުބޯޅަ ދަނޑު އެޅުމުގެ މަސައްކަތް ސެޕްޓެމްބަރު މަހު ފެށޭނެކަމުގެ ޔަޤީންކަން ރައީސް ވަނީ ހެނބަދޫ ރައްޔިތުންނަށް ދެއްވާފައެވެ.

ރައީސްގެ ވަޢުދުގައި ހިމެނޭ މިސްކިތެއް ބިނާކުރުމުގެ މަޝްރޫޢުގެ މަސައްކަތް މި ދަތުރުފުޅުގައި ފެށުނުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.މީގެ އިތުރުން، ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރުމާއި، ސިއްޙީ މަރުކަޒުގެ ޚިދުމަތް ދެމުން އަންނަ ގަޑި އިތުރުކުރުމާއި، ޢިމާރާތުގެ މަސައްކަތާއި މުވައްޒަފުން އިތުރުކުރުން ފަދަ ކަންކަންވެސް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، މަދުވެގެން 16 ގަޑިއިރު ޚިދުމަތް ދެވޭ ފެންވަރަށް ސިއްޙީ މަރުކަޒު ތަރައްޤީކޮށްދެއްވާނެ ކަމަށާއި، ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުމާއި، މޫދަށް އެރޭ ސަރަހައްދެއް ތަރައްޤީކުރުންވެސް ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ. މި ހުރިހާ ކަމަކީވެސް ބިން ހިއްކުމުގެ މަޝްރޫޢާ ގުޅިފައިވާ މަސައްކަތްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް ކަމަށާއި، ރައްޔިތުން އެދޭގޮތަށް އެކަން ކުރައްވާނެ ކަމަށެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން