ޚަބަރު
ފެހި ޤާނޫނު އަސާސީ އައިފަހުން ރިޓަޔަރކުރެއްވި ފުރަތަމަ އުއްތަމަ ފަނޑިޔާރަށް މަރުހަބާ: ބަންޑާރަ ނައިބު

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން

ފަރުދުން
21 ޖުލައި 2025، 02:24
21 ޖުލައި 2025، 02:24
ފެހި ޤާނޫނު އަސާސީ އައިފަހުން ރިޓަޔަރކުރެއްވި ދިވެހިރާއްޖޭގެ ފުރަތަމަ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް މަރުހަބާ ވިދާޅުވެއްޖެއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ބަންޑާރަ ނައިބު މިގޮތަށް ވިދާޅުވީ މިއަދު ރާއްޖޭގެ އުއްތަމަ ފަނޑިޔާރު މަޤާމުން ރިޓަޔަރކުރެއްވުމާއި ގުޅިގެންނެވެ. އުޝާމްގެ ޕޯސްޓުގައި ވަނީ މުޢުތަޞިމްއަކީ 2008 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ޢަމަލުކުރަން ފެށި ފެހި ޤާނޫނު އަސާސީގެ ދަށުން މަސައްކަތްކުރެއްވި ފުރަތަމަ އުއްތަމަ ފަނޑިޔާރުކަން ފާހަގަކުރައްވައި މުޢުތަޞިމް މަޤާމުން ރިޓަޔަރކުރެއްވުމާއި ގުޅިގެން މަރުހަބާ ދަންނަވާފައެވެ. އަދި އިންސާފު ޤާއިމުކުރެއްވުމުގައި އަހަރުތަކެއް ވަންދެން އުއްތަމަ ފަނޑިޔާރު ފޯރުކުރެއްވި ޚިދުމަތަށްޓަކައި ޝުކުރު އަދާކުރައްވާފައިވެ އެވެ.
ޖޭއެސްސީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ފަނޑިޔާރުންގެ ރިޓަޔަރމަންޓް ޤަވާއިދުގެ ދަށުން ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު މުޢުތަޞިމް، މިއަދުން ފެށިގެން ފަނޑިޔާރުކަމުން ޝަރަފުވެރިކަމާއެކު ރިޓަޔަރކޮށްދިނުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އުއްތަމަފަނޑިޔާރު މުޢުތަޞިމް ވަނީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުގެ ހައިސިއްޔަތުން އަދި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން 09 އަހަރާއި 07 މަހާއި 12 ދުވަހު ޝަރުޢީ ދާއިރާއަށް ޚިދުމަތް ކުރައްވާފައެވެ.
އުއްތަމަފަނޑިޔާރު ރިޓަޔަރކުރައްވަން ނިންމެވުމާ ގުޅިގެން އެ މަޤާމަށް ބޭފުޅަކު ހަމަޖެހެންދެން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު ހިންގެވުން އެ ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޢަބްދުﷲ ޙަމީދުއާ ޙަވާލުކުރުމަށް 17 ޖުލައި 2025 ގައި ބޭއްވުނު ކޮމިޝަނުގެ 26 ވަނަ ޖަލްސާގައި ނިންމާފައިވާކަމަށްވެސް ބަޔާނުގައިވެ އެވެ.