Ads by Stelco

ޚަބަރު

މާފަރުގައި ޤާއިމުކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

މާފަރުގައި ޤާއިމުކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ނ. މާފަރު ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

21 ޖުލައި 2025، 09:45

21 ޖުލައި 2025، 09:45

ނ. މާފަރުގައި ޤާއިމުކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފިއެވެ. 

މާފަރު ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެއްޓެވުމުގެ ގޮތުން، އެ މަރުކަޒުގެ ބިންގާ މިއަދު އަޅުއްވާދެއްވާފައިވަނީ، ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު، އޮނޮރަބަލް ޢަލީ އިޙުސާންއެވެ. އެ މަނިކުފާނުގެ އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި މާފަރު ކައުންސިލްގެ ރައީސް، މުޙައްމަދު އަދުނާނު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިކަމަށްޓަކައި ނ. މާފަރުގައި ބޭއްވި ޙާއްސާ ރަސްމިއަޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި އިމާރާތް ކޮންޓްރެކްޓުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އިން އެންމެ ފަހުން ހާމަކުރެއްވި ގޮތުގައި، އިމާރާތް ކުރުމަށް ނިންމާފައިވާ ބިން ސާފުކުރުމުގެ މަސައްކަތް ނިންމައި، އިމާރާތުގެ ކޮންކްރީޓު މަސައްކަތް މިހާރު ވަނީ ފަށާފައެވެ.  

މާފަރު ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ މިހާރު ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން މާފަރަކީ، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަޑައިގެންނެވި ފުރަތަމަ ރަށެވެ.

މި ދަތުރުފުޅުގައި ނ .އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަކަށް ވަޑައިގަންނަވާނެއެވެ. އެއީ ހެނބަދޫ، ހޮޅުދޫ، ޅޮހި، ކުޑަފަރި، ކެނދިކުޅުދޫ، ވެލިދޫ، މަނަދޫ، މަގޫދޫ، މާޅެންދޫ، މާފަރު، މިލަދޫ، ފޮއްދޫ އަދި ލަންދޫއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން