ޚަބަރު
ކުޑަފަރި އަދި މާފަރު ސިއްޙީ މަރުކަޒުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކޮށްފި

މާފަރު ސިއްޙީ މަރުކަޒުގެ އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: ސިއްޙީ ވުޒާރާ
ނ އަތޮޅު ކުޑަފަރީގައި ތަރައްޤީ ކުރުމަށް ނިންމާފައިވާ އައު ސިއްޙީ މަރުކަޒާއި، އެ އަތޮޅު މާފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑު ކުރުމަށް، ދެ ކުންފުންޏަކާއި ސަރުކާރުން ހަވާލުކޮށްފިއެވެ.
އެގޮތުން މާފަރު ސިއްޙީ މަރުކަޒުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރިއިރު، ކުޑަފަރީގެ ސިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއެވެ.
ސިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މާފަރު ސިއްޙީ މަރުކަޒުގެ މަސައްކަތަށް ޖުމްލަ 10.9 މިލިއަން ރުފިޔާ ސަރުކާރުން ޚަރަދު ކުރާނެއެވެ. މި މަސައްކަތުގެ ތެރޭގައި ހިމެނެނީ، 04 އެނދުގެ ވާޑެއް އިތުރުކުރުމާއި، ޕްރައިވެޓް ރޫމަކާއި، ނާރސް ސްޓޭޝަނަކާއި، މީޓިންގ ހޯލަކާއި، ޕަބްލިކް ހެލްތު ޔުނިޓުގެ އިތުރުން، ޕޯޓިކޯ ޤާއިމްކުރުމެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އާރިފްއެވެ. އަދި ސިއްޙީ ވުޒާރާއިން ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޢަބްދުﷲއެވެ.
ކުޑަފަރީގައި ޤާއިމްކުރާ އައު ސިއްޙީ މަރުކަޒުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 27.6 މިލިޔަން ރުފިޔާއަށެވެ. އެއްބަސްވުމުގައި ވާގޮތުން މި މަސައްކަތް 360 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.
ކުޑަފަރީގެ ސިއްޙީ މަރުކަޒުގެ އައު އިމާރާތް ތަރައްޤީކުރުމަށް އެމްޓީސީސީއެކު ވެވުނު އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޝަރީފެވެ. އަދި އެމްޓީސީސީން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.