ވިޔަފާރި / ޚަބަރު
އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ޙިއްސާ ބީއެމްއެލްއަށް ވިއްކާލަން ނިންމައިފި

އެސްޑީ އޮފްސީގެ އިމާރާތް---

ފަރުދުން
20 ޖުލައި 2025، 10:58
20 ޖުލައި 2025، 10:58
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދަވާފައިވާ އެސް.އެމް.އީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ)ގައި އޮންނަ ސަރުކާރުގެ ޙިއްސާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ވިއްކާލުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.
ވަޒީރުންގެ މަޖިލީހުގެ މި ނިންމުމަކީ، ބީއެމްއެލްއިން ހުށަހެޅި ޕްރޮޕޯޒަލަކާ ގުޅިގެން، މިކަމުގެ ސަބަބުން އަންނާނެ ހެޔޮ ބަދަލުތަކާމެދު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއިން ހަދާފައިވާ ދިރާސާ ކަރުދާހަށް މަޝްވަރާކުރެއްވުމަށްފަހު ނިންމެވި ނިންމެވުމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، އެސް.ޑީ.އެފް.ސީ ގަތުމަށްފަހު، ބީއެމްއެލްއިން ނިންމާފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯން، އަދި 5 އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯން ދޫކުރުމަށެވެ. އަދި ބިޒްނަސް ސްޓަރޓްއަޕްސްތަކަށް އަމާޒުކޮށްގެން ކުރިއަށް އޮތް 3 އަހަރުދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށްވެސް ވަނީ ނިންމަވާފައެވެ.
މީގެއިތުރުން އެސްޑީއެފްސީ ގަތުމަށްފަހު، އެ ކޯޕަރޭޝަން ހިންގާނީ، ދުނިޔޭގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ޑިޖިޓަލް ބޭންކިން ނިޒާމުގެ ތެރެއިން، ޝަރީޢާގެ އުޞޫލުން މާލީ މުޢާމަލާތްތައް ކުރާ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ދަށުން ހިނގަމުންދާއިރުވެސް، އެސް.ޑީ.އެފް.ސީއިން ކުދި އަދި މެދުފަންތީގެ ލޯންތައް ދޫކުރަމުން ދާނީ މިހާރުގެ އިންޓަރެސްޓް ރޭޓްތަކަށް ވުރެ ބޮޑުނުވާ ގޮތަށެވެ. އަދި މާލީ މުޢާމަލާތްތައް ބައްޓަން ކުރަމުންދާނީ، ވިޔަފާރިތަކަށް ފަހި މާޙައުލެއް ގާއިމުކޮށްދީ، ވިޔަފާރިތަކުގެ މާލީ ގާބިލުކަމާއި ތިޔާގިކަން އިތުރުކުރެވޭނެ ގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއެވެ.
އަދި ބީއެމްއެލްގެ ދަށަށް އެސްޑީއެފްސީ ބަދަލުވުމަށްފަހު ބީއެމްއެލް ނެޓްވޯކް މެދުވެރިކޮށް މުޅިރާއްޖެއަށް އެސްއެމްއީ ޑިޖިޓަލް ފައިނޭންސިންގގެ ޚިދުމަތް ފުޅާވެގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއެވެ. އަދި އެސް.ޑީ.އެފް.ސީގެ ސިސްޓަމްތައް ޑިޖިޓަލައިޒްކޮށް އޮޓޮމޭޓްކުރުމުން، މެނުއަލް މަސައްކަތްތައް މަދުވެ، ލޯންތައް ޕްރޮސެސްކުރުން އަވަސްވެ، މުޅި އެސް.ޑީ.އެފް.ސީގެ އެފިޝަންސީ ރަނގަޅުވާނެއެވެ.