Ads by Stelco

ޚަބަރު

ޒަކާތު ހައުސްއިން ފަޤީރުންނާ މިސްކީނުގެ ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފި

ޒަކާތު ހައުސްއިން ފަޤީރުންނާ މިސްކީނުގެ ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު  ހުޅުވާލައިފި

ޒަކާތް ބަލައިގަތުން. ފޮޓޯ: އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ޖުލައި 2025، 04:40

20 ޖުލައި 2025، 04:40

ފަޤީރުންނާ މިސްކީނުގެ ދަފުތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ޒަކާތު ހައުސްއިން ހުޅުވާލައިފިއެވެ. 

މި ދަފުތަރުގައި ރަޖިސްޓްރީވެވޭނީ އެކަމަށް ޚާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށްކަމަށް ޒަކާތު ހައުސްއިން މަޢުލޫމާތު ދެއެވެ.

ދަފުތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، ފޯމު ހުށަހަޅާ ފަރާތުގެ މަޢުލޫމާތާއި، ދަރިންގެ މަޢުލޫމާތު އަދި އާމްދަނީއާއި ޚަރަދުތަކާ ގުޅޭ މަޢުލޫމާތު ފޯމާއެކު ހުށަހަޅަންޖެހޭނެއެވެ. މި މަޢުލޫމާތުތައް ހުށަހަޅަންޖެހޭ ގޮތުގެ ތަފްސީލު ފޯމުގައި ހިމަނާފައިވާކަމަށް އެ އިދާރާއިން ބުނެއެވެ.

ޒަކާތު ހައުސްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިވަގުތު ރާއްޖޭގައި ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި 2,852 މީހުން ދަފުތަރުކޮށްފައިވެއެވެ. މި ފަރާތްތަކަށް އެހީގެ ގޮތުގައި ޒަކާތު ފަންޑުން ގިނަ ޢަދަދެއްގެ ފައިސާ ޚަރަދުކުރަމުން ގެންދެއެވެ.

ނިމިދިޔަ ޖޫން މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މުދަލު ޒަކާތުގެ ގޮތުގައި ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 14.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ޚާއްޞަ ޙާލަތްތައް މެދުވެރިވެގެން ޙާލުގައި ޖެހޭ ފަރާތްތަކަށް ޟަރޫރީ އެހީގެ ގޮތުގައި 12,000 ރުފިޔާ ޒަކާތު ފަންޑުން ޚަރަދުކޮށްފައިވެއެވެ.

ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް ޒަކާތު ފަންޑު މެދުވެރިކޮށް 104 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މި ގޮތުން އެހީގެ ގޮތުގައި 1.7 މިލިއަން ރުފިޔާ ހަމަޖައްސާފައިވާއިރު، 1.1 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މީގެ ތެރޭގައި ކެންސަރާއި އެކި ބާވަތުގެ ބޮޑެތި ބަލިތަކުގެ ފަރުވާ ހިމެނެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ޒަކާތުގެ ކަންކަން ހަރުދަނާކޮށް، ޒަކާތުގެ ޙައްޤުވެރިންނަށް ޒަކާތުގެ މަންފާ ލިބޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ސަރުކާރުން ޒަކާތު ހައުސް ޤާއިމުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން