ޚަބަރު
ވީއައިއޭގެ ކްރެޑިޓް ރައީސް ޞާލިޙަށް ދޭންޖެހޭނަމަ ހަނިމާދޫ އެއަރޕޯޓްގެ ކްރެޑިޓް ދޭންޖެހެނީ މި ސަރުކާރަށް: މުބީން

ފޮޓޯ: އާރްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު މުބީން

ފަރުދުން
20 ޖުލައި 2025، 02:09
20 ޖުލައި 2025، 02:09
ހުލާސާ
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ތަރައްޤީކުރުމުގެ ތަޢުރީފު، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެއްވަންޏާމު ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ކްރެޑިޓް ދެއްވަންޖެހެނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ.
ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މުބީން މިގޮތަށް ވިދާޅުވީ ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމަށް ސަރުކާރުން ތައްޔާރުވަމުންދަނިކޮށެވެ. މުބީން މިގޮތަށް ވިދާޅުވީ އެއަރޕޯޓް ތަރައްޤީކުރުމުގެ ފުރިހަމަ ކްރެޑިޓް ރައީސް ޞާލިޙަށް ހައްޤު ކަމަށް ބައެއް ފަރާތްތަކުން ވާހަކަދައްކާތީ އެކަމުގެ ރައްދުގައެވެ. ޕޯސްޓުގައި އޭނާ ވަނީ ކުރީ ސަރުކާރުން ހަނިމާދޫ އެއަރޕޯޓްގެ މަސައްކަތް ކުރިއަށްގެންދެވިއިރާއި މި ސަރުކާރުން އެތަނުގެ މަސައްކަތާއި ޙަވާލުވުމުގެ ފަހުން މަސައްކަތްގޮސްފައިވާ ހިސާބު އަންގައިދޭ ފޮޓޯތައް ހިއްސާކުރައްވާފައެވެ. މި ސަރުކާރުން ވެެރިކަމާއި ހަވާލުވިފަހުން މަސައްކަތް ގެންދެވިފައިހުރި ހިސާބު ވަރަށް ސާފުކޮށް ފެންނަން ހުރި ކަމަށް މުބީން ވިދާޅުވެފައިވެ އެވެ. ވީމާ، ވީއައިއޭ ތަރައްޤީކުރުމުގެ ކްރެޑިޓް ރައީސް ޞާލިޙަށް ލިބެންޖެހޭނަމަ ހަނިމާދޫ އެއަރޕޯޓް މަޝްރޫޢުގެ ކްރެޑިޓް ރައީސް މުޢިއްޒަށް ލިބިވަޑައިގަންނަވަން ޖެހޭ ކަމަށް މުބީން ވިދާޅުވެފައިވެ އެވެ.
ހަނިމާދޫ އެއަރޕޯޓް ބައިނަލްއަޤްވާމީ އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަސައްކަތް ފެއްޓެވީ ރައީސް ޞާލިޙުގެ ދައުރުގައެވެ. 2022 ވަނަ އަހަރު ފެށި މި މަޝްރޫޢަކީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް، ޙަޤީޤީ ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއްގެ ގޮތުގައި ޚިދުމަތް ދިނުމަށް ފެށި މަސައްކަތެކެވެ. ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާގެ މި މަޝްރޫޢުގައި، ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓުން އަހަރަކު 1.3 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ.
ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުުމުގެ މަޝްރޫޢު މިއަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމާލުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ.