Ads by Stelco

ޚަބަރު

ނަފްސާނީ ޞިއްޙަތުގެ ހެލްޕްލައިނަށް މައްސަލައެއް ދިމާވެއްޖެ

ނަފްސާނީ ޞިއްޙަތުގެ ހެލްޕްލައިނަށް މައްސަލައެއް ދިމާވެއްޖެ

ނަފްސާނީ ބަލީގެ މީހުންނަށް އެހީތެރިވުމާއި މެދު ހަދައިފައ ހުރި ޕޯސްޓަރެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ޖުލައި 2025، 11:32

20 ޖުލައި 2025، 11:32

ނަފްސާނީ ސިއްޙަތުގެ ހެލްޕްލައިނަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ވަގުތީގޮތުން އެހެން ނަންބަރެއް މެދުވެރިކޮށް ޚިދުމަތް ކުރިއަށް ގެންދާނެ ކަމަށް ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން މިއަދު ހާމަކޮށްފިއެވެ.

ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން މިކަން އަންގާފައިވަނީ، ހެލްޕްލައިންގެ މައި ނަންބަރު 1677 އަށް ދިމާވެފައިވާ މައްސަލައާ ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް 7265402 ނަންބަރާ ގުޅުމަށް އެ ޑިޕާޓްމަންޓުން އަންގާފައިވެއެވެ.

އަދި ހެލްޕްލައިނަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މައްސަލަ ހައްލުވެ އަލުން ޚިދުމަތް އިއާދަ ކުރެވޭ ހިސާބުން އެކަން އާންމުކޮށް އަންގާނެ ކަމަށްވެސް އެ ޑިޕާޓްމަންޓުން ބުނެފައިވެއެވެ.

ފާއިތުވި 21 ފެބްރުއަރީ 2024 ގައި ތަޢާރަފްކުރެވުނު މި ހެލްޕްލައިންގެ މައިގަނޑު މަޤްޞަދަކީ ނަފްސާނީ ގޮތުން އުނދަގޫވާ އެކިއެކި ހާލަތްތަކުގައި އަދި ނަފްސާނީ ބަލި ހުންނަ އެކި އުމުރުފުރައިގެ މީހުންނަށް، 24 ގަޑިއިރު ނަފްސާނީ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ޞިއްޙަތާބެހޭ ވުޒާރާއިން ފާހަގަކުރި ގޮތުގައި، މި ހެލްޕްލައިނުން ނަފްސާނީ ޞިއްޙަތުގެ ފުރަތަމަ އެހީގެ އިތުރުން، މައްސަލަ ހައްލުކުރުމަށް އެހީތެރިވުމާއި މަޢުލޫމާތު ފޯރުކޮށްދިނުމާއި، ހެދިފައިވާ އުޞޫލުގެ ތެރެއިން ގުޅުންހުރި ޚިދުމަތްތަކަށް ރިފަރަލް ހެދުމުގެ ޚިދުމަތްވެސް ފޯރުކޮށްދެއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން