ޚަބަރު
މިހާތަނަށް މިސަރުކާރުން މުޅިން އަލަށް 22 ކަނދުފަތި އަޅައިފި

ހދ.މަކުނުދޫ ދޮށީ ކަނދުފަތި. ފޮޓޯ: މަސްވެރިކަމާ ބެހޭ ވުޒާރާ
މިސަރުކާރުން މިހާތަނަށް މުޅިން އަލަށް 22 ކަނދުފަތި އަޅާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.
މީގެ ތެރޭގައި މިދިޔަ އަހަރު އެޅި 12 ކަނދުފައްޗާއި މިއަހަރުގެ މިހާތަނަށް އަޅާފައިވާ 10 ކަނދުފަތި ހިމެނެއެވެ.
ރާއްޖޭގައި އަޅާފައިވަނީ 2 ބާވަތެއްގެ ކަނދުފައްޗެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީގެ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ. ދޮށީގެ ކަނދުފައްޗަކީ ދޮށީގެ ނުވަތަ ކަނޑު މަހުގެ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެއް ކަމަށާއި، ވަދު ކަނދުފައްޗަކީ ފަރު މަސްވެރިކަމާއި މުނިފޫހި ފިލުވުމަށްޓަކައި ކުރެވޭ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެއް ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ.
ރާއްޖޭގައި މިހާތަނަށް ޖުމްލަ 101 ކަނދުފަތި އަޅާފައިވާ ކަމަށް އެ ވުޒާރާއިން ހާމަކުރެއްވިއެވެ. މީގެ ތެރޭގައި މަސްވެރިކަމަށް ޚާއްސަކޮށްގެން އަޅާފައިވާ 65 ދޮށީގެ ކަނދުފައްޗާއި، 36 ވަދު ކަނދުފަތި ހިމެނެއެވެ.
މިވަގުތު ރާއްޖޭގައި ހުރީ ކަނދުފަތި ޤާއިމްކުރާ އެންމެ ސެންޓަރެއް ކަމަށްވާ ހުޅުމާލޭގައި ހުރި ސެންޓަރެވެ. މިއީ ކަނދުފަތިތައް ޤާއިމްކުރުމަށް އެ ވުޒާރާއަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް ފާހަގަކުރެއްވިއެވެ.
މި ގޮންޖެހުމަށް ހައްލެއް ހޯދުމުގެ ގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި އިތުރު 2 ސެންޓަރު ޤާއިމްކުރުމުގެ މަސައްކަތް އެ ވުޒާރާއިން ދަނީ ކުރިއަށެވެ. އެގޮތުން މިއަހަރު ނިމުމުގެ ކުރިން ށ. ފުނަދޫގައި އަޅާ ކަނދުފަތި ސެންޓަރުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.