ޚަބަރު
މޫސުން ގޯސް، އުދައެރުންވެސް އެކަށީގެންވޭ: މެޓް އޮފީސް

ީމާލެއަށް މޫސުން ގޯސް. ފޮޓޯ: ސަން މީޑިއާ
ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށާއި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބޯކޮށް ވާރޭ ވެހުމާއި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވެ އަދި އުދަ އަރާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. މި ސަމާލު ދެމިއޮންނާނީ މިއަދު ހެނދުނު 09:45 އިން ފެށިގެން މެންދުރުފަހު 15:30 އާ ހަމައަށެވެ.
އިދާރާއިން ފާހަގަކުރި ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. މެޓް އޮފީހުގެ ރިކޯޑުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ޏ. ފުވައްމުލަކަށް 51.5 މިލިމީޓަރު އެވެ.
ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 އާއި 50 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުންބުނެއެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރެއެވެ.