ޚަބަރު
އިނގިރޭސިވިލާތައް މަސް ބޭރުކުރުމަށް އެ ޤައުމުގެ ކުންފުންޏަކާއިއެކު ސޮއިކޮށްފި

ރާއްޖޭގެ މަސް ފެކްޓަރީއެއް. ފޮޓޯ: ސްޓޭޓް ޝިޕިންގް
ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތައް އިނގިރޭސިވިލާތަށް ބޭރުކުރުމަށް މިފްކޯއާއި އިނގިރޭސިވިލާތުގެ ޕްރިންސަސް ގްރޫޕާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް ފަރުހަތު ޝަހީރެވެ. އަދި ޕްރިންސަސް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ޕަރޗޭސިންގ އޮފިސަރ ނީލް ބޮހަނަމްއެވެ.
މިފްކޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ދެ ކުންފުނީގެ ދެމެދުގައި ދިގު މުއްދަތަކަށް ވިޔަފާރީގެ މުޢާމަލާތްތައް ކުރިއަށް ގެންދާނެއެވެ. މި އެއްބަސްވުމުގެ ދަށުން ކަނޑައެޅޭ ވަކި މިންގަނޑަކަށް، ފިނުކުރި ކަނޑުމަހާއި ފެލިވަރުގައި ބަންދުކުރާ ދަޅުމަހުގެ ބާވަތްތައް ޕްރިންސަސް ގްރޫޕުން ގަންނާނެކަމަށް ވެސް މިފްކޯއިން ފާހަގަކުރައްވައެވެ.
މީގެއިތުރުން މި އެއްބަސްވުމުގެ ދަށުން މަސް ގަތުމުގެ މިންގަނޑުތައް އިތުރަށް ހަރުދަނާކުރުމަށާއި ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމަށްވެސް މަގުފަހިވެގެންދާނެކަމަށް މިފްކޯއިން ވިދާޅުވެފައިވެއެވެ.
ސަރުކާރުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއަރުވައި، ބޭރުގެ މާކެޓްތަކަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާއިރު، ރާއްޖޭގައި މަހުން އުފައްދާ ބާވަތްތަކުގެ މިންވަރު 3 ގުނަ އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ރާއްޖޭގައި މަސް ބަންދުކުރާ ފެސިލިޓީތަކުގެ ޖާގައިގެ މިންވަރު އިތުރުކުރުމާއި، އުފެއްދުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.