ޚަބަރު
މޫސުން ގޯސްވުމާ ގުޅިގެން ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކޮށްފި

މާލެސިޓީ އަށް ވިއްސާރަވެ ފެންބޮޑުވި ދުވަހެއްގައި މަގުމަތީގައި މީހަކު ހިނގާފައި ދަނީ. ފޮޓޯ: ސަން
މޫސުން ގޯސްވެދާނެކަމުގެ އިންޒާރު ދެވިފައިވާ ދުވަސްވަރު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މޫސުމާބެހޭ މައުލޫމާތު ދޭ އިދާރާތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި, ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.
އެވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކަނޑުމަތީގައި ހިނގާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށްޓަކައި ރައްޔިތުން ސަރުކާރުގެ އިދާރާތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރަމުންދާކަން ކަށަވަރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
އަދި މޫސުމީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ތައްޔާރުވުމުގެ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.
މޫސުން ގޯސްވެދާނެކަމުގެ އިންޒާރު ދީފައިވާ ދުވަސްތަކުގައި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ސިޓީތަކާއި ބެހޭ ވުޒާރާއިން ހިތްވަރުދީފައިވެއެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރާއިރުވެސް، ދަތުރުކުރާ ފަރާތްތަކާއި އުޅަނދުތަކުން ސަލާމަތީ ފިޔަވަޅުތައް އަޅާކަން ކަށަވަރުކުރުމަށް އިރުޝާދު ދީފައިވެއެވެ.
މީގެއިތުރުން، މޫސުމީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ދުރާލާ ތައްޔާރުވުމުގެ މަސައްކަތްތައް އިތުރުކުރުމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަރުކާރުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުމުގައި ކައުންސިލްތަކުން ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކައުންސިލްތަކުން ދެއްވާ ސަމާލުކަމާއި ކުރައްވާ މަސައްކަތްޕުޅުތަކަށް އެ ވުޒާރާއިން ޝުކުރު އަދާކޮށްފައިވެއެވެ.