ޚަބަރު
އިހަވަންދޫ ހަސްފަތާލުގެ ކޮންކްރީޓު މަސައްކަތް ފަށައިފި

އިހަވަންދޫ ހަސްފަތާލުގެ ކޮންކްރީޓު މަސައްކަތް ފެށުން. / ފޮޓޯ: އިހަވަންދޫ ޑޮޓް ކޮމް.

ފަރުދުން
17 ޖުލައި 2025، 03:32
17 ޖުލައި 2025، 03:32
ހއ. އިހަވަންދޫގައި ބިނާ ކުރުމަށް ހަމަޖެހިފައިވާ ޒަމާނީ ހަސްފަތާލުގެ ކޮންކްރީޓު މަސައްކަތް ފަށައިފިއެވެ. އިހަވަންދޫ ހަސްފަތާލު ޢިމާރާތްކުރުމުގެ މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައި ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ އެވެ.
123 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިގެން އިހަވަންދޫގައި ތަރައްޤީކުރާ މިހަސްފަތާލުގައި 30 އެނދު ހުންނާނެއެވެ. މިހަސްފަތާލަކީ ޖާގައިގެ ގޮތުން ތަނަވަސް، ޚިދުމަތުގެ ގޮތުން ފުރިހަމަ ހަސްފަތާލަކަށް ވެގެން ދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ހއ. އިހަވަންދޫގައި އައު ހަސްފަތާލެއް ބިނާކުރުމަށް ނިމިދިޔަ ސަރުކާރުގައި ވެސް ބަޔަކާ ޙަވާލުކުރެވުނެވެ. 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް އާ މިމަސައްކަތް ޙަވާލުކުރެވުނު ނަމަވެސް، ވެރިކަމުގެ ދައުރު ނިމުމާ ހަމައަށް އެހަސްފަތާލުގެ ޢަމަލީ އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. ޑުޕްލެކްސް އާ އެކު ކުރިން ވެވުނު އެއްބަސްބުން އަދުގެ ސަރުކާރުން އުވާލައި، އެމަސައްކަތް އާރްޑީސީ އާ ޙަވާލުކޮށްފައިވީ ނަމަވެސް، ހަސްފަތާލުގެ އޮނިގަނޑާއި ފަރުމާކުރުމަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
އިހަވަންދޫ ހަސްފަތާލުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިމިގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަންދާޒާކުރައްވާފައެވެ.