ޚަބަރު
ރައީސް މުޢިއްޒުގެ އަރިހަަށް އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް ޒިޔާރަތްކުރައްވައިފި

ރައީސް މުޢިއްޒުގެ އަރިހަަށް އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް ޒިޔާރަތްކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
އިނގިރޭސިވިލާތުގެ ސްޕީކަރ އޮފް ދަ ހައުސް އޮފް ކޮމަންސް، ރައިޓް އޮނަރަބަލް ސަރ ލިންޑްޒޭ ހޮޔިލް އެމް.ޕީ، މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބޭއްވުނީ ލަންޑަންގެ ވެސްޓްމިންސްޓަރ ޕެލަސްގައި ހުންނަ، ސްޕީކަރ އޮފް ދަ ހައުސް އޮފް ކޮމަންސްގެ ރަސްމީ ގެކޮޅު ކަމުގައިވާ ސްޕީކަރޒް ހައުސްގައެވެ.
މި މުހިންމު ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ދެމެހެއްޓެނިވި ގުޅުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. ޚާއްޞަކޮށް ތިމާވެށި ޙިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ޑިމޮކްރެޓިކް ވެރިކަން ކުރިއެރުވުން ފަދަ ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.
ބައްދަލުކުރެއްވުމަށްފަހު ރައީސް މުޢިއްޒު ވަނީ ޢިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައި، ޕެލަސް އޮފް ވެސްޓް މިންސްޓަރ ބައްލަވާލައްވާފައެވެ. މި ބައްދަލުކުރެއްވުމަކީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިކޮށްދޭނެ ބައްދަލުވުމެއް ކަމުގައި ބެލެވެއެވެ.
ދެ ޤައުމުގެ ދެމެދުގައި އޮތް ދިގު މުއްދަތުގެ އެކުވެރިކަމާއި ގުޅުމަށް އިތުރު ބާރެއް ލިބިގެންދާނެ މި ބައްދަލުކުރެއްވުމަކީ، މުހިންމު ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ކުރިއަށް އޮތް ތަނުގައި އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއް ކަމުގައި ފާހަގަކުރެވެއެވެ.