ޚަބަރު
ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ މަސައްކަތަށް ޚާއްޞަ އިމާރާތެއް ހަމަޖައްސައިފި

ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ މަސައްކަތަށް ހަމަޖެއްސި އިމާރާތް.
ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ޔުނިޓުގެ ޚިދުމަތްތައް މާފަންނު ޓީޖެޓީ ކުރިމަތިން ހަދަމުންދާ އިމާރާތަށް ބަދަލުކުރުމަށް ނިންމައިފިއެވެ.
މި އިމާރާތުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރާއި، ފުލުހުންގެ އިސް ފަރާތްތަކުން ވަނީ ބައްލަވާލައްވާފައެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު އެފްސީޕީގެ ޚިދުމަތްތައް ދެމުންގެންދާ އިމާރާތަކީ ޖާގައިގެ ގޮތުން ދަތި އިމާރާތެއްކަމަށާއި، މިކަމުގެ ސަބަބުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދެއެވެ.
އެގޮތުން އެފްސީޕީން ބަލާ މައްސަލަތަކުގައި ހިމެނޭ އަނިޔާ ލިބޭ ފަރާތްތަކާއި ތުހުމަތުކުރެވޭ ފަރާތްތައް އެއް ތަނެއްގައި ބައިތިއްބަންޖެހުމަކީ ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
އައު އިމާރާތަށް ބަދަލުވުމާއެކު، ކުޑަކުދިންނަށް ކުރާ ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާގެ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް ޚާއްޞަ މާޙައުލެއްގައި ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.
އައު އިމާރާތުގައި ކުޑަކުދިންނާ ރައްޓެހި މާޙައުލެއް ޤާއިމުކުރެވި، މައްސަލަތައް ބެލުމަށް ފަސޭހަވެގެންދާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ.
މީގެއިތުރުން ގެވެށި އަނިޔާ އާއި ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށްވެސް އައު އިމާރާތުން ޚިދުމަތް ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެކަމަށް ފުލުހުންގެ ޚިދުމަތުން ފާހަގަކުރެއެވެ. އަދި ޖުމްލަކޮށް އެފްސީޕީން ބަލަމުންދާ މައްސަލަތަކާއި ދެވޭ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ނިންމުމަށް މި ބަދަލާއެކު މަގުފަހިވެގެންދާނެކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ.