Ads by Stelco

ޚަބަރު

ބ. އަތޮޅުގައި މިމަހު އާރްޓީއެލް ޚިދުމަތް ފަށަނީ

ބ. އަތޮޅުގައި މިމަހު އާރްޓީއެލް ޚިދުމަތް ފަށަނީ

އާރްޓީއެލް ޚިދުމަތާ ބެހޭ ގޮތުން ބ. އަތޮޅުގެ މުއައްސަސާތަކަށް މަޢުލޫމާތު ދެނީ / ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

16 ޖުލައި 2025، 12:31

16 ޖުލައި 2025، 12:31

"ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރްޓީއެލް)ގެ ޚިދުމަތް މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން ބ. އަތޮޅުގައި ކުރިއަށްދާނޭ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. 

ބ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ޖުލައި މަހުގެ ތެރޭގައި ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަން ފާހަގަކޮށްލަމެވެ. ބ. އަތޮޅުގައި އާރްޓީއެލް ޚިދުމަތް ފެށުމަށް ވަމުން އަންނަ ތައްޔާރީތައް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.

ދަތުރުފަތުރާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، އާރްޓީއެލް ޚިދުމަތަށް މުވައްޒަފުން ތަމުރީން ކުރުން ވަނީ ފަށާފައެވެ. ބ. އަތޮޅުގެ އަރްޓީއެލް ދަތުރުތައް ބާއްވަން ހަމަޖެހިފައިވަނީ ބާރުދުވެލީގެ 2 ފެރީ 2 މަގަކަށް (ރޫޓަކަށް) ބަހާލައިގެންނެވެ. ޚިދުމަތުގައި ބޭނުންކުރާ 2 ފެރީ ބ. އަތޮޅަށް ފޮނުވުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ވެސް އެވުޒާރާއިން ހާމަކުރިއެވެ. މި ދަތުރުތަކުގެ މަގުތައް ކަނޑައަޅާފައިވަނީ ވައިގެބަނދަރުގެ ޚިދުމަތާއި، އެހެނިހެން ޚިދުމަތްތައް ބޭނުން ކުރައްވާ ފަރާތްތަކަށް ފަސޭހަވާނޭ ފަދަ ގޮތަކަށެވެ.

މިމަހުގެ 28 ވނަ ދުވަހު ބ. އަތޮޅުގައި އާރްޓީއެލް ޚިދުމަތް ފަށާއިރު، މިޚިދުމަތުގެ ފުރަތަމަ ހަފުތާގައި ކުރިއަށް ގެންދާނީ އަގަކާ ނުލައި ދަތުރުކުރެވޭ، އަހުލުވެރިކުރުވުމުގެ ދަތުރުތަކެވެ. މި އަހުލުވެރިކުރުވުމުގެ ދަތުރުތަކުގައި ކޮންމެ މަގެއްގައި ހިމެނޭ ކޮންމެ ރަށަކަށް ވަކި ޢަދަދަކަށް ޖާގަ ކަނޑައެޅިފައިވާނެއެވެ. އަހުލުވެރިކުރުވުމުގެ މަރުޙަލާ ނިމި، ދަތުރުތަކަށް ފައިސާ ނަގަން ފަށާނީ އަންނަ އޮގަސްޓު މަހުގެ 4 ވަނަ ދުވަހުން ފެށިގެންނެވެ. އާރްޓީއެލް ދަތުރުކުރާ މަގުތަކާއި، ދައްކަން ޖެހޭ ފައިސާގެ ޢަދަދު އާރްޓީއެލް ވެބްސައިޓާއި އެޕްލިކޭށަނުން ފެންނާނެއެވެ.

އަހުލުވެރިކުރުވުމުގެ ދަތުރުތަކުގެ ކުރިން، ރައްޔިތުންނަށް މިކަމުގެ މަޢުލޫމާތު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ކައުންސިލްތަކާއި ރަށްރަށުގެ މުއައްސަސާތަކަށް މަޢުލޫމާތުދިނުމުގެ ޕުރޮގުރާމުތައް ދަތުރުފަތުރުކުރުމާ ބެހޭ ވުޒާރާއިން މިހާރު ވަނީ ކުރިއަށް ގެންގޮސްފައެވެ.

އާރްޓީއެލްގެ ޚިދުމަތް ސަރުކާރުން ފޯރުކޮށްދެނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ގުޅިގެންނެވެ. މި ޚިދުމަތް ކުރިއަށްގެންދަނީ ރާއްޖެ 6 ސަރަޙައްދަކަށް ބަހާލައިގެން، 11 އަތޮޅެއްގައެވެ. މިޚިދުމަތުގެ ބޭނުމަކީ ރާއްޖޭގެ ރަށްތައް ބާރު ދުވެލީގެ އުޅަނދުތަކަކުން ގުޅުވާލައި، ދިވެހި ރައްޔިތުންނަށް ދަތުރުފަތުރުގެ އިންތިޒާމު ފަސޭހަގޮތެއްގައި ފޯރުކޮށްދިނުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން