ޚަބަރު
ގިރާވަރާއި ހުޅުމާލެ ފޭސް-3 ހިއްކައި ގޯތި ދޫކުރުމަކީ ފެށުނީއްސުރެން ސަރުކާރުން އިސްކަންދޭ ކަމެއް

ގުޅީފަޅު. ފޮޓޯ: ގެދޮރިވެރިކަމާ ބެހޭ ވުޒާރާ
ގިރާވަރާއި ހުޅުމާލެ ފޭސް-3 ހިއްކުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި، އެތަންތަނުން ގޯތި ލިބިފައިވާ ފަރާތްތަކާ ގޯތިތައް ހަވާލުކުރުމަކީ ސަރުކާރުގެ އިސް އަމާޒެއްކަމަށް އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މުއްޠަލިބް ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުން ފެށުނީއްސުރެ މަސައްކަތް ކުރަމުން މިދަނީ ވީހާވެސް އަވަހަކަށް ގިރާވަރާއި ހުޅުމާލެ ފޭސް-3 ހިއްކުމުގެ މަސައްކަތް ނިންމާ އެ ތަންތަނުން ގޯތި ލިބުނު ފަރާތްތަކާއި ގޯތިތައް ޙަވާލުކުރުމަށް ކަމަށެވެ.
ސަރުކާރުން އޮތީ ކޮންޓްރެކްޓަރު ޑުރެޖަރެއް ގެނެސް މަސައްކަތް އަލުން ފަށާނަމަ ކޮންޓްރެކްޓަރާއެކު ކުރިއަށްދާން ތައްޔާރަށް، ނަމަވެސް އެތައް ބައެއްގެ ގޯތި ޙަވާލު ކުރެވެން އޮތީ ބިން ހިއްކުން ނިމިގެން ކަމުގައިވުމާއެކު ކޮންޓްރެކްޓް ނިމުމަކަށް ގެނެސްގެން ނަމަވެސް ބިން ހިއްކުމުގެ މަސައްކަތް ނިންމުމަކީ ސަރުކާރުން އެއްމެ ބޮޑު އިސްކަމެއްދޭ އެއް ކަމެއް
ވަޒީރު ޑރ ޢަބްދުﷲ މުއްޠަލިބް
ވަޒީރު މުއްޠަލިބް މިފަދައިން ޕޯސްޓު ކުރައްވައިފައިވަނީ ގިރާވަރުފަޅާއި ހުޅުމާލެ-3 ހިއްކުމުގެ އެގްރިމެންޓު ބާތިލްކުރަން އޭޖީއަށް ފޮނުވި ޚަބަރު ފޭސްބުކް ގައި ޚިއްސާކުރައްވަމުންނެވެ.
ރޭ ބެއްވި "އަހާ ފޯރަމް" ގައި ވަޒީރު މުއްޠަލިބު ވިދާޅުވީ، ގިރާވަރުފަޅާއި ހުޅުމާލެ ފޭސް-3 ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ވަޒީރު ހާމަކުރެއްވި ގޮތުގައި، ކުރީގެ ސަރުކާރުން ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެޑްވާންސަށް ކޮންޓްރެކްޓަރަށް ދެ ފަހަރެއްގެ މަތިން ޖުމްލަ 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ) ދީފައިވެއެވެ. އަދި މި ސަރުކާރުން އިތުރު 15 މިލިއަން ޑޮލަރު ދިން ނަމަވެސް، ކޮންޓްރެކްޓަރުން އިތުރު ފައިސާ ޑިމާންޑްކުރުމާ ގުޅިގެން މަޝްރޫޢު ވަނީ މަޑުޖެހިފައެވެ.
މާލޭގެ ރައްޔިތުންނަށް ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުން ޖުމްލަ 5,000 ގޯތި ދޫކުރުމަށް ކުރީގެ ސަރުކާރުން ވަނީ އިޢުލާންކޮށްފައެވެ. މީގެ ތެރެއިން ގިރާވަރުން ގޯތި ލިބުނު ބައެއް ފަރާތްތަކުގެ ގޯތިތައް މިހާރު ވަނީ ގުޅިފަޅަށް ބަދަލުކޮށްފައެވެ.
މުއްޠަލިބު އިތުރަށް ވިދާޅުވީ، ކޮންޓްރެކްޓަރު އަލުން ޑްރެޖަރެއް ގެނެސް މަސައްކަތް ފަށަން ބޭނުންވާނަމަ، އެ ފަރާތާއެކު މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ތައްޔާރަށް ތިބިކަމަށެވެ. ނަމަވެސް، އެތައް ބައެއްގެ ގޯތި ހަވާލުކުރެވެން އޮތީ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން ކަމަށްވާތީ، ކޮންޓްރެކްޓް ބާތިލުކޮށްގެން ނަމަވެސް މި މަސައްކަތް ނިންމުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.