ޚަބަރު
ދިރާސީ އައު އަހަރަށް ސަރުކާރު ސްކޫލްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ރެހެންދި ސްކޫލް. ފޮޓޯ: ރެހެންދި ސްކޫލް
2026 ވަނަ އަހަރުގެ ދިރާސީ އައު އަހަރަށް ސަރުކާރު ސްކޫލްތަކުގެ އެލްކޭޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ތަޢުލީމީ ވުޒާރާއިން ހުޅުވާލައިފިއެވެ.
ތަޢުލީމީ ވުޒާރާއިން މިކަން އިޢުލާން ކުރަމުން ބުނެފައިވާ ގޮތުގައި، އެލްކޭޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ހުޅުވާލާފައިވާ މުއްދަތަކީ 15 ޖުލައިން ފެށިގެން 31 އޮގަސްޓުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި މާލޭގެ ސްކޫލްތަކަށް ދަރިވަރުން ވެއްދުމަށް ހުށަހެޅުމުގެ އިތުރުން، އެއް ސްކޫލުން އަނެއް ސްކޫލަށް ކުދިން ބަދަލުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް، މައި އޮފީސް ޕޯޓަލް މެދުވެރިކޮށެވެ.
މިހާރު ހިނގަމުންދާ ދިރާސީ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މާލެ ސަރަޙައްދުގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް 2000 އަށްވުރެ ގިނަ ދަރިވަރުން ވަނީ އަލަށް ވައްދާފައެވެ. މުޅި ރާއްޖޭގެ ފެންވަރުގައި 5000 އަށްވުރެ ގިނަ ކުދިން ގްރޭޑް 1 އަށް ވަނީ ވެއްދިފައެވެ. މިވަގުތު ސަރުކާރުގެ 217 ސްކޫލެއްގައި 84,000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރަމުން ގެންދެއެވެ.
ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ރާއްޖޭގެ ސްކޫލްތަކުގެ އާބާދީގެ 33 ޕަސެންޓް ދަރިވަރުން ކިޔަވަމުން ގެންދަނީ މާލެ ސަރަހައްދުގެ 19 ސްކޫލުގައެވެ. އަދި މިވަގުތު އެންމެ ބާރަށް އާބާދީ އިތުރުވަމުން އަންނަ ހުޅުމާލެ ދެވަނަ ފިޔަވަހީގައި، އަންނަ ދިރާސީ އަހަރަށް 1500 ދަރިވަރުންގެ ޖާގައިގެ ޝަހީދު އަލީ ސްކޫލް ހުޅުވުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.
މި އަހަރުގެ ދިރާސީ އަހަރު ނިމި، ދަރިވަރުން އަހަރީ ޗުއްޓީއަށް ދާން ހަމަޖެހިފައިވަނީ ޑިސެމްބަރު 28 ވަނަ ދުވަހުއެވެ. އަދި ކުރިއަށް އޮތް ދިރާސީ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ވެސް ދިރާސީ އަހަރު ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގައެވެ. މިއީ މިދިޔަ ސަރުކާރުން އަހަރުގެ މެދުތެރޭގައި ދިރާސީ އަހަރު ފެށުމަށް ނިންމާފައިވާ ނިންމުން މި ސަރުކާރުން ބަދަލުކޮށްފައިވުމާ ގުޅިގެން ގެންނަ ބަދަލެކެވެ.