ޚަބަރު
ނޭޝަނަލް ސަރވިސް ޕްރޮގްރާމުގެ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަސައްކަތް ފަށައިފި

ނޭޝަނަލް ސަރވިސް ޕްރޮގްރާމުގެ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުން.ފޮޓޯ: އެމްއެންޑީއެފް
މޯލްޑިވްސް ނޭޝަނަލް ސަރވިސް ނުވަތަ ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަސައްކަތް ފަށައިފިއެވެ.
މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ދިވެހިރާއްޖޭގައި މުޅިން އަލަށް ތަޢާރަފުކުރެވޭ ޕްރޮގްރާމެކެވެ.
ދިފާޢީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ޕްރޮގްރާމުގެ ބައިވެރިން ހޮވުމުގެ މަރުޙަލާ އެންމެ ފުރަތަމަ ފަށާފައިވަނީ ކުޅުދުއްފުށި ސިޓީ، އދ. މަހިބަދޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގައެވެ. ހޮވުމުގެ މަރުޙަލާގައި ބައިވެރިން އިންޓަރވިއު، މެޑިކަލް ޓެސްޓް، އެޕްޓިޓިއުޑް ޓެސްޓް އަދި ފިޓްނަސް ޓެސްޓްތައް ފުރިހަމަކުރަންޖެހެއެވެ.
މި ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުއެވެ. ވޭތުވެދިޔަ އެއް މަސްދުވަހުގެ ތެރޭގައި 1244 ޒުވާނުން މި ޕްރޮގްރާމުގައި ބައިވެރިވުމަށް ކުރިމަތިލާފައިވާއިރު، ފުރަތަމަ ބުރަށް ހޮވުމަށް ހަމަޖެހިފައިވަނީ 350 ބައިވެރިންނެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫޙާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން، މަސައްކަތަށް އަހުލުވެރި، އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް މަގުފަހިކުރުންވެސް ހިމެނެއެވެ.
ދިފާޢީ ވުޒާރާއިން ފާހަގަކުރައްވާފައިވާ ގޮތުގައި، މި ޕްރޮގްރާމަށް މީހުން ނެގުމުގެ މަރުޙަލާ ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ކޮންމެ ކެންޑިޑޭޓަކުވެސް ހާޒިރުވާންޖެހޭނީ އެ ފަރާތަކާ އެންމެ ކައިރީގައި ހުރި ސްޓޭޝަނަކަށެވެ.