ޚަބަރު
ވައިގެ ބަނދަރުގެ އައު ގިމަތައިގެ މުހިންމު މަސައްކަތްތަކެއް އޮތީ ބަޔަކާ ހަވާލުނުކޮށް: ރައީސް

ވެލާނާ ވައިގެ ބަނދަރުގައި ތައްޔާރުކުރެވެމުންދާ އައު ގިމަތަ

ފަރުދުން
15 ޖުލައި 2025، 02:51
15 ޖުލައި 2025، 02:51
ބައިނަލްއަޤްވާމީ ވެލާނާ ވައިގެބަނދަރު (ވީއައިއޭ) ގައި ތައްޔާރުކުރާ އައު ފަސިންޖަރު ގިމަތައިގެ އެންމެ މުހިންމު ދެ މަސައްކަތް އަދި ބަޔަކާ ހަވާލުކުރެވިފައި ނުވާ ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕޮޑްކާސްޓްގެ މިއަދުގެ ޕުރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވީއައިއޭގެ އައު ފަސިންޖަރު ގިމަތަ ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ކަމުގައިވާ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައެވެ.
ވެލާނާ ވައިގެބަނދަރުގެ އައު ގިމަތަ ހުޅުވުމަށް ވަމުންދާ ތައްޔާރީތަކުގެ މަޢުލޫމާތު ޙިއްސާކުރައްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް ފަހު އެންމެ ފުރަތަމަ އެމަނިކުފާނު ބެއްލެވީ އައު ގިމަތައިގެ މަސައްކަތުގެ ކަންކަންކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އެތަން ބެއްލެވިއިރު، އެތަނުގެ މަސައްކަތް ގޮސްފައިވާ ޙިސާބު އެނގިވަޑައިގެންނެވި ކަމަށާއި، ޢިމާރާތުގެ އޮނިގަނޑު ކުރެހިފައި ހުރި ނަމަވެސް، ގިމަތައިގެ މުހިންމު ބައެއް މަސައްކަތްތައް އަދި ނުނިމޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ގިމަތައިގެ އެތެރޭގެ ގިނަ ކަންކަން ހުރީ ނުނިމިއެވެ. ޢިމާރާތުގެ މަސައްކަތުގެ އިތުރުން ވެސް، ގިމަތައަށް ދާން އޮންނަ މަގު ތައްޔާރުކުރުމަކީ މުހިންމު ކަމެއް ކަމަށާއި، އެއިރު މަގު ހެދުމުގެ މަސައްކަތް ވެސް ބަޔަކާ ޙަވާލުކުރެވިފައި ނުވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެތެރެއިން އެންމެ މުހިންމު އެއް ކަމަކީ ހެޑް އޮފް ސްޓޭންޑް. އެއަރޕޯޓްގެ ޓަރމިނަލް ޙަޤީޤަތުގައި އެއްވެސް ކަހަލަ ގޮތަކަށް ބޭނުން ހިފުމަށްޓަކައި ހަދަންޖެހޭ މަގެއް އެއީ. މައިބަދަ އެހެން ގޮތަކަށް ބުނާނަމަ. މައިބަދަ، ނެތް ބަޔަކާއި ޙަވާލުކޮށްފައެއް. ހަދަންވެސް ނެތީ ޙަވާލުކޮށްފަވެސް އެ މަގު ހަދާކަށް. މަގުވެސް އަޅުގަނޑުމެން ހަދަން ހަވާލުކުރީ ބަޔަކާ. މިހާރު ނިމުމަކަށް އައިއްސަ އެއޮތީ. ޓަރމިނަލް ޕްރޮޖެކްޓްގެ %54 އެއިރު ނިމިފައި އޮތީ. ޓަރމިނަލް ނިމުނަކަސް ތަން ބޭނުމެއް ނުކުރެވޭ މަގު ހެދިފައި ނެތިއްޔަކާ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ގިނަ ބަޔަކަށް ޚިދުމަތްދޭ ގޮތަށް ފަރުމާކޮށްފައިވާ މި ގިމަތައިގައި ޑިޔުޓީ ފްރީ އެއް ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެމަކަމީ ވެސް މިދިޔަ ސަރުކާރުން ފަށާފައިނުވާ މަސައްކަތެއް ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ޓަރމިނަލްގައި ކޮންމެހެންވެސް ޑިއުޓީ ފްރީއެއް ހުންނަންޖެހޭނެ. ކޮމާޝަލް އޭރިއާއެއް ހުންނަންޖެހޭނެ. އެތަންވެސް ނެތް ބަޔަކާ ޙަވާލުކޮށްފައި. ހަމަ ސިމެންތި ފިނިޝިންއެއްގައި މަތިވެސް އަރިމަތިވެސް ހުރިހައި ތަނެއްވެސް ހަމަ ދޫކޮށްލާގޮތައް އޮތީ. އެއްވެސްކަމެއް ނެތް އެތާ ޙަވާލުކޮށްފައެއް. މިކިޔާ %54 ސްކޯޕްގެ ތެރޭގައި ނުވެސް ހިމެނޭ އެކަންތައްތައް. ނިމިފައި އޮތް %54 ސްކޯޕަށް ބަލާއިރު އޭގެތެރޭގައިވެސް ނުހިމެނޭ ކަމެކޭ މިކަމަކީވެސް. އެވެސް އަޅުގަނޑުމެން މި ޙަވާލުކުރީ ބަޔަކާ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވެލާނާ ގިމަތައިގައި ނުނިމި ހުރި ކަންކަމުގެ އިތުރުން، ވެލާނާ ވައިގެ ބަނދަރު ތަރައްޤީކުރުމަށް މިދިޔަ ސަރުކާރުން ކުރި މަސައްކަތްތައް ވެސް ރައީސް ވަނީ ބަލައިގަންނަވާފައެވެ.
ބައިނަލްއަޤްވާމީ ވެލާނާ ވައިގެބަނދަރަށް ލިބޭ ކޮންމެ ކުރިއެރުމަކީ ފަތުރުވެރިކަމަށް ލިބޭ ކުރިއެރުމަކަށް ވީ ހިނދު، މިކަމުގެ ނަފާ ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ކުރާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.