ޚަބަރު
މިދިޔަ ސަރުކާރުގައި ހިޔާ ފުލެޓު އަތުލެވުނު ފަރާތްތަކަށް މިސަރުކާރުގެ މަޝްރޫޢިން ފުލެޓު

ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޕްރެސް ކޮންފަރެންސް އެއްގައި ވާހަކަދައްކަވަނީ.

ފަރުދުން
15 ޖުލައި 2025، 12:49
15 ޖުލައި 2025، 12:49
ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކޮށްފައިވާ ހިޔާ ފުލެޓުތަކުން އެޕާޓްމެންޓް ދޭން ނިންމި ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުގެ ކިބައިން މިދިޔަ ސަރުކާރުން ވަނީ ފުލެޓު ލިބުމުގެ ޙައްޤު އަތުލާފައެވެ.
ރައީސް ޔާމީނުގެ ސަރުކާރުގައި ޙައްޤުވެރިންނަށް ފުލެޓު ބަހަން ނިންމީ އެކި ގިންތިތަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ޓީޗަރުންނާއި، ނަރުހުންނާއި، ސިފައިންނާއި، ފުލުހުން އަދި ސިވިލް ސަރވިސްގެ ގިންތިތައް ހިމެނެއެވެ. 7،000 ފްލެޓުގެ ތެރެއިން ގިނަ ބަޔަކަށް އެޕާޓްމަންޓު ލިބޭނެ ކަމަށް އެއިރު އެންގުނު ނަމަވެސް، ރައީސް ޞާލިޙުގެ ވެރިކަމުގައި ވަނީ ހިޔާ ފުލެޓުގެ ލިސްޓު އަލުން އެކުލަވާލައި، ކުރިން ފުލެޓު ދޭން ނިންމާފައިވީ އެތައް ފަރާތްތަކެއް އެލިސްޓުން އުނިކޮށްފައެވެ.
މިފަދަ ފަރާތްތަކަށް، މިސަރުކާރުން ކުރިއަށް ގެންދާ 10،000 ޔުނިޓު ހިމެނޭ ފުރަތަމަ ގެދޮރުވެރިކަމުގެ މަޝްރޫޢުގައި ފުލެޓު ދޭން ހަމަޖެހިފައިވާ ކަމަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. 10،000 ހައުސިންގ ޔުނިޓު ބިނާކުރުމަށް ބޭނުންވާ މާލީ އިންތިޒާމުތައް ހޯއްދެވުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށް ވެސް ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ. ވަޒީރު މިފަދައިން ވިދާޅުވީ، ރޭގައި ބޭއްވުނު "އަހާ" ފޯރަމްގައި، ހިޔާ ފުލެޓު ލިބޭނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަމަޖެހިފައިވުމަށްފަހު، ރައީސް ޞަލީޙުގެ ސަރުކާރުން ފުލެޓު އަތުލި މީހުންނަށް އަލުން ފުލެޓު ލިބޭނެ އިރަކާ މެދު ޢާންމު މީހަކު ކުރި ސުވާލަކަށް ރައްދުދެއްވަމުންނެވެ. ވަޒިރު ވިދާޅުވީ، މިސަރުކާރުން ކުރިއަށް ގެންދާ ފުރަތަމަ ގެދޮރުވެރިކަމުގެ މަޝްރޫޢުގައި އެފަދަ މީހުންނަށް ޚާއްޞަ އިސްކަމަކާ އެކު ފުލެޓު ދޭން ނިންމާފައިވާ ކަމަށެވެ.
މަޝްރޫޢު ތަފުޞީލު ކުރައްވަމުން ވަޒީރު ވިދާޅުވީ، މި10،000 ހައުސިންގ ޔުނިޓުގެ ތެރޭގައި ގުޅީފަޅުގައި ބިނާކުރުމަށް ހަމަޖެހިފައިވާ 4،000 ޔުނިޓު ހިމެނޭ ކަމަށެވެ. މިއިން ކޮންމެވެސް ސަރަޙައްދަކުން، ކުރިން ހިޔާ ފުލެޓުގެ ލިޔުން ލިބުމަށްފަހު އެޙައްޤު އަތުލެވުނު ފަރާތްތަކަށް ސަރުކާރުން ފުލެޓު ޙަވާލުކުރާނެ ކަމަށް ޑރ. މުއްޠަލިބު ވިދާޅުވިއެވެ.
"ކޮންމެ މަޝްރޫޢެއް ނަމަވެސް، އެންމެ އަވަހަށް ފެށިގެންދާ މަޝްރޫއުގެ ތެރޭގައި އަޅުގަނޑުމެން އިސްކަންދޭނެ މި ދެންނެވި ގޮތަށް ހިޔާ ފުލެޓުގައި އޭރު ފުލެޓު ދީފައި އެ ކެންސަލްކުރި ފަރާތްތައް. އޭރު ލިސްޓު އިޢުލާންކޮށްފައި ލިބޭނެ ކަމަށް ކަނޑައެޅި ފަރާތްތަކުގެ ތެރެއިން ނުދިން ފަރާތްތަކުގެ ތެރޭގައި މިހާރުގެ ޙާލަތަށް ބަލާއިރު އެ ފަރާތަކީ ބޯހިޔާވަހިކަމެއް ނެތް ފަރާތެއް ނަމަ އެ ފަރާތަށް އިސްކަންދެވޭނެ ކަހަލަ ނިޒާމެއް ޤާއިމްކުރާނެ." ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ލިޔުން ދިނުމަށްފަހު އެފަރާތްތައް ލިސްޓުން ވަކިކުރުމަކީ ބޭއިންޞާފުން ނިންމި ނިންމުމެއް ކަމަށެވެ. މިގޮތުން، ދިރިއުޅޭ ތަނުގެ ފާރުގައި ރެނދެއް ނެތުމުން ވެސް ބަޔަކުމީހުންގެ ނަންތައް ލިސްޓުން އުނިކޮށްފައި ހުރިކަން ވަޒީރު ޑރ. މުއްޠަލިބު ފާހަގަކުރެއްވިއެވެ.
"އެ ފަރާތްތަކަށް މިދިޔަ ފަސް އަހަރު މި ދިޔައީ އެއްވެސް ކަހަލަ އިންޞާފެއް ނުލިބި. އެހެންވީމަ އަޅުގަނޑުމެން ހިންގާ ޕްރޮޖެކްޓެއްގެ ތެރެއިން އަޅުގަނޑުމެންނަށް މި ދެންނެވި ގޮތަށް ހިޔާ ފުލެޓުގެ ލިޔުންތައް ލިބި ކެންސަލްކުރި ފަރާތްތަކަށް އިސްކަންދޭ މެކޭނިޒަމެއް ޤާއިމްވެގެންދާނެ." ވަޒީރު ވިދާޅުވިއެވެ.