ޚަބަރު
އަންނަ މަހުން ފެށިގެން ދިވެހި ފަންނާނުންނަށް މާލީ އެހީތެރިކަން ލިބޭނެ: ޒުވާނުންގެ ވަޒީރު

ރޭގައި ބޭއްވުނު "އަހާ" ފޯރަމް ގައި ޒުވާނުންނާ ބެހޭ ވަޒީރު ވާހަކަފުޅު ދައްކަވަނީ

ފަރުދުން
15 ޖުލައި 2025، 11:54
15 ޖުލައި 2025، 11:54
ނެގޭ އޮގަސްޓު މަހުން ފެށިގެން، ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ސަރުކާރުން ފަށާނޭކަމަށް ޒުވާނުުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރޭގައި ބޭއްވުނު "އަހާ" ފޯރަމްގައި އެމަނިކުފާނާ ޢާންމުންގެ މީހަކު ކުރި ސުވާލެއްގެ ޖަވާބުގައެވެ.
ވަޒީރު ވިދާޅުވެފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން، ދިވެހި ފަންނާނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިއެހީތެރިކަން ފޯރުކޮށްދިނުމުގެ ހަމަތަކާއި އުޞޫލުތައް މިހާރު އެކުލަވާލަމުންދާ އިރު، މިއުޞޫލުތައް ކަނޑައެޅުމުގައި ފަންނުވެރިންގެ ޚިޔާލުތަކަށް ރިޢާޔަތްކުރައްވަމުން ގެންދަވާ ކަމަށް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.
އަންނަ އޮގަސްޓު މަހުން ފެށިގެން ފަންނުވެރިންނަށް މިއެހީތެރިކަން ފޯރުކޮށްދޭން ހަމަޖެހިފައިވާއިރު، އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު އެކަމަށް ޚާއްޞަ ޕޯޓަލް އެއް މެދުވެރިކޮށް ހުޅުވާލެވިގެން ދާނެއެވެ.
މާލީ އެހީގެ އިތުރުން، ފަންނުވެރިންނަށް ޚާއްސަކޮށްގެން ފަރުމާކުރާ "ޕްރޮޑަކްޝަން ހައުސް"ގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ބީސީސީއާ ޙަވާލުކޮށްގެން ތައްޔާރުކުރާ މި"ޕްރޮޑަކްޝަން ހައުސް" މިއަހަރުގެ ތެރޭގައި ހުޅުވިގެން ދާނެ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.