ޚަބަރު
ދާއިމީ ބަލިތަކުގެ ބޭސްތައް ރާއްޖެއިން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން: ޞިއްޙީ ވަޒީރު

ޞިއްޙަތާ ބެހޭ ވަޒީރު ރޭގެ ފޯރަމްގައި ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ޖަވިޔަނި

ފަރުދުން
15 ޖުލައި 2025، 10:29
15 ޖުލައި 2025، 10:29
ރޭގައި ބޭއްވި "އަހާ ފޯރަމް"ގައި ދިވެހިރާއްޖޭގެ ޞިއްޙީވަޒީރު ޢަބްދުﷲ ނާޒިމް އާ ކުރެވުނު ސުވާލަކާ ހަވާލާ ދެއްވާ އެމަނިކުފާނު ވިދާޅުވީ، ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކުގެ ޢަދަދު ރާއްޖޭގައި އިތުރުވަމުން ދާތީ އެކަމާ ސަރުކާރުން ކަންބޮޑުވާ ކަމަށާއި، އެކަމަށް އަވަސް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.
ޞިއްޙީ ކަންކަމާ ބެހޭ ވަޒީރްއާ ކުރެވުނު ސުވާލުގައި ވަނީ: "ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކަށް ރާއްޖެއިން ބޭރަށް ނުގޮސް ބޭސް ހޯދުމުގެ ފުރުޞަތު ފަހިިކޮށްދެއްވާނީ ކޮން އިރަކުން ތޯ" އެވެ. މިކަމުގެ ޖަވާބުގައި ވަޒީރު ނާޒިމް ވިދާޅުވީ، އެފަދަ ބޭފުޅުން ބޭނުންކުރައްވާ ގިނަ ބޭސް ތަކަކީ ވަކި މިންވަރަކަށް ނޫނީ ޑޮކުޓަރުން ދޫނުކުރާ، އަދި ޑޮކުޓަރުންގެ ލަފަޔާ ނުލައި ފާމަސީތަކުން ނުވިއްކާ ބޭސްތަކެއް ކަމަށެވެ. ކަން މިހެން އޮތުމާ އެކު، ބޭސް ބޭނުންވާ ފަރާތްތަކާއި އެބޭފުޅުންގެ ޞިއްޙީ ލިޔެކިޔުންތަށް ބޭނުންވާތީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ދާއިމީ ބަލިތަކަށް ބޭސްކުރައްވާ ބޭފުޅުންގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓްރީއެއް އެކުލަވާލުމަށް ސަރުކާރުން ރާވަމުން ގެންދާ ކަމަށް ވެސް ރޭގެ ފޯރަމްގައި ވަޒީރު ހާމަކުރެއްވިއެވެ.
އަދިވެސް އެމަނިކުފާނު ވިދާޅުވި ގޮތުގައި، ދިވެހި ރައްޔިތުންނަށް ބޭސްފަރުވާގެ ކަންކަން ފަސޭހަކޮށްދިނުމުގެ ފުރަތަމަ މަރުޙަލާ މިހާރު ވަނީ ފުރިހަމަވެފައެވެ. އެއީ އެޑްމިޓް ވެފައި ތިބޭ ބަލިމީހުންނަށް، ހޮސްޕިޓަލް ތެރެއިން ބޭސްތައް ލިބޭ ގޮތް ފަހިކުރެވިފައިވުމެވެ. ކުރިއަށް އޮތް މަރުޙަލާ އަކީ އިސްވެދެންނެވުނު ރަޖިސްޓްރީ އެކުލަވާލައި، ރާއްޖެއިން ބޭރަށް ދަތުރު ނުކޮށް އެންމެހައި ބޭސްތައް ލިބޭ ގޮތް ފަހިކޮށްދިނުން ކަމުގައި ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ. މިނިޒާމު ފުރިހަމަވާނޭ ތާރީޚެއް ސީދާ ދަންނަވަން އެނގިވަޑައިނުގެންނެވި ނަމަވެސް، މިކަމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އެމަނިކްފާން ވަނީ ހާމަކުރައްވާފައެވެ.