ޚަބަރު
ބޮޑެތި ބަލިތަކަށް ފަރުވާކުރަން ފަޤީރުންނަށް އިންޝުއަރެންސް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ޒަކާތުހަައުސް އިން އިއުލާނުކޮށްފި

ހޮސްޕިޓަލެއްގައި ބަލިމީހަކަށް ފަރުވާދެނީ.
އާސަންދަ ކަވަރުނުކުރާ ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް ފަޤީރުންގެ ދަފްތަރުގައި ތިބި މީހުންނަށް އިންޝުއަރެންސް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިޢުލާންކޮށްފިއެވެ.
ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން އިންޝުއަރެންސް ޚިދުމަތް ދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށެވެ. މި ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އިންޝުއަރެންސް ތަޢާރަފުކުރަނީ އާސަންދަ ކަވަރުނުކުރާ ކަންކަމަށް އަމިއްލައަށް ހޭދަކުރުމަށާއި، ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާއާއި ގެންނަންޖެހޭ ބޭސް ގެނައުމަށް މަގުފަހިކުރުމުގެ ގޮތުންނެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި އުފައްދާފައިވާ "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އިން ބަލަހައްޓަމުންދާ ފަޤީރުންގެ ދަފްތަރުގައި މިވަގުތު 2,852 ފަރާތެއް ރަޖިސްޓްރީވެފައިވެއެވެ. މި އިދާރާއިން ދަނީ ޒަކާތު ފަންޑު މެދުވެރިކޮށް ބޭސްފަރުވާއާއި ދިރިއުޅުމުގެ ޟަރޫރީ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކަށް [email protected] އަށް އީމެއިލް ކުރެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.