ޚަބަރު
ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ސަޢުދީ ސަފީރާއި ތަޢުލީމީ ވަޒީރުގެ މަޝްވަރާތަކެއް

ތަޢުލީީމީ ވަޒީރު ޑރ އިސްމާއިލް ޝަފީޢު އަދި ސަފީރު ޔަޙްޔާ ހަސަން. ފޮޓޯ: ވުޒާރާ
ތަޢުލީމީ ދާއިރާއިން ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ގުޅުން ބަދަހިކުރުމަށް މިއަދު މަޝްވަރާތަކެއް ކުރިއަށްގެންގޮސްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު އާއި ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އަލަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލްޤަޙްޠާނީ އާ ދެމެދުގައެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ތަޢުލީމީ ދާއިރާގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި، ރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި މި ބައްދަލުވުމުގައި ސަޢުދީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަށް ތަޢުލީމީ ވަޒީރު މަރުޙަބާ ދެންނެވިއެވެ.
ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް އައު ސަފީރު ކަނޑައަޅުއްވާފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވިފައިވަނީ 1981 ވަނަ އަހަރުގެ މާރޗް މަހުގެ 17 ވަނަ ދުވަހުއެވެ. މިއީ 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދެމިގެންދާ ވަރުގަދަ ގުޅުމެކެވެ.
ފާހަގަކޮށްލެވޭ ގޮތެއްގައި، ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ. މީގެ ތެރޭގައި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށާއި އެހެނިހެން ދާއިރާތަކަށް ފޯރުކޮށްދޭ މާލީ އެހީތެރިކަން ހިމެނެއެވެ. މި ބައްދަލުވުމާއެކު ތަޢުލީމީ ދާއިރާގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.