ޚަބަރު
ޔުމްނު މައްސަލަ ތަޙުޤީޤު ކުރުމަށް އުފެއްވި ރިޔާސީ ކޮމިޝަން އުވާލައިފި

ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވާހަކަފުޅު ދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް
މި އަހަރުގެ އެޕްރީލް 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ޙައްވާ ޔުމްނުގެ މައްސަލަ ބަލައި ތަހުޤީޤުކުރުމަށް، އެ މަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު އުފެއްދެވި "2025 އޭޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" އެ މަނިކުފާނު އުވާލައްވައިފިއެވެ.
މި ކޮމިޝަން އުފައްދަވާފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުންނެވެ.
އެ ކޮމިޝަން އުފެއްދެވުމަށްފަހު މަތިކުރެއްވި މަސްއޫލިއްޔަތަކީ ޔުމްނުގެ މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަޙުޤީޤެއް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ހިންގައި، ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމެވެ.
މި މައްސަލައާ ގުޅިގެން އެ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ވަނީ 17 ޖޫން 2025 ރައީސުލްޖުމްހޫރިއްުޔާއަށް އަރުވާފައެވެ. އެހެންކަމުން، ކޮމިޝަނުގެ ރިޕޯޓުން ފާހަގަކުރި ކަންކަން ތަންފީޒުކުރެއްވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއަށާއި، ޞިއްޙީ ވުޒާރާއަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޙާއްސަ ކޮމިޝަނަށް ފުރަތަމަ އައްޔަން ކުރައްވާފައިވަނީ 3 މެންބަރުންނެވެ. އެއީ، ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކަށީގެ ޙާއްސަ ޑޮކްޓަރު މުޙައްމަދު ހަބީބު އަދި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަޙުމަދު މުޙައްމަދެވެ. އަދި މި ކޮމިޝަނުގެ ރައީސްގެ ގޮތުގައި ކަނޑައެޅުއްވީ ޑރ. މުހައްމަދު މުނައްވަރެވެ. ނަމަވެސް އެޕްރީލް 28ގައި ރައީސް ވަނީ އެ ކޮމިޝަނަށް ބަދަލު ގެންނަވާފައެވެ.
އެ ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ފަހުން މަސައްކަތް ކުރައްވާފައިވަނީ ޑޮކްޓަރ މުޙައްމަދު މުނައްވަރު އާއި ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު އާއި ޑޮކްޓަރ މޫސާ މުރާދު އާއި އަލްފާޟިލާ ޖަބީން މުޙައްމަދު އަދި އަލްފާޟިލާ އާމިނަތު އީނާސްއެވެ.