ޚަބަރު
މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެ: މެޓް އޮފީސް

މެޓް އޮފީހުން މިއަދު ފަތިހު ނެރުނު ބަޔާނެއް

ފަރުދުން
12 ޖުލައި 2025، 12:04
12 ޖުލައި 2025، 12:04
މިއަދު އިރުއޮއްސި 6 ޖެހުމުގެ ނިޔަލަށް، ރާއްޖޭގެ ގިނަ ހިސާބުތަކަށް ވިއްސާރްކުރުމާއެކު ގުގުރާނެ ކަމަށާއި، މެދު ރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށް ބޯކޮށް ވިއްސާރަ ވެހުމަކީ އެކަށީގެންވާ ކަމަށް ދިވެހިރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ. އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ވައިގަދަވުމުގެ ސަބަބުން މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެކަމަށް ބެލެވޭއިރު، ދެކުނުގެ ކަނޑުތައް ޢާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. ވައިރޯޅީގެ ބާރުމިނަށް ބަލާ އިރު، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭ އިރު، ރާއްޖޭގެ އެހެން ޙިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން އަންގައެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް އިތުރުވުން އެކަށީގެންވާ ކަމަށް ވެސް އެއޮފީހުން ވަނީ ބުނެފައެވެ.
ދިޔަވަރު ބޮޑުވާ ވަޤުތު ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުޞަތު އޮތް ކަމަށާއި، މޫސުމާ ބެހޭ ކަންކަމަށް އެންމެހައި ފަރާތްތަކުން ސަމާލުވެލެއްވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ރޭ ދަންވަރު 1:30 އިން މިއަދު ހެނދުނު 7:30 އަށް، ހ.އ. އަތޮޅާއި އ.ދ. އަތޮޅުގެ ދެމެދަށް ހުދު ސަމާލު ވަނީ ނެރެފައެވެ.