ޚަބަރު
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ދަތުގެ ފަރުވާއާއި ގުޅޭ ކޮންފަރެންސް ފަށައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ދަތުގެ ފަރުވާއާއި ގުޅޭ ކޮންފަރެންސް. ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ފުރަތަމަ އިންޓަރނޭޝަނަލް ޑެންޓަލް ކޮންފަރެންސް "ހިނިތުން 2025" މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދެވެ.
ވިލާ ނޯޓިކާ ރިސޯޓުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމްގެ އިތުރުން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިންނާއި ދާއިރާގެ ތަޖްރިބާކާރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގައި ދަތުގެ ފަރުވާގެ ޚިދުމަތް ފެށިގެން 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ މި ކޮންފަރެންސްގައި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ހުރިހާ ހޮސްޕިޓަލްތަކަކާއި އަމިއްލަ ކްލިނިކްތަކުގެ ޕްރޮފެޝަނަލުން ބައިވެރިވެއެވެ. އަދި ކީނޯޓް ސްޕީކަރުންގެ ގޮތުގައި ބޭރުގެ 12 މާހިރުން ބައިވެރިވެވަޑައިގަންނަވައެވެ.
"އަޅުގަނޑުމެން މަސައްކަތްކުރަނީ އެންމެ ރަނގަޅު އިންޓަރނޭޝަނަލް ސްޓޭންޑަރޑްތަކަށް ޚިދުމަތްތައް ގެނައުމަށް. ޒަމާނީ ވަސީލަތުގެ ގޮތުން އަދި އިންސާނީ ވަސީލަތްވެސް ދަނީ އިތުރުކުރަމުން،" މާލޭ ގްރޫޕް އޮފް ކޮމްޕެނީސްގެ ސީއީއޯ އިބްރާހީމް ޢަބްދުއް ރައްޒާޤް ޙަލީމް ވިދާޅުވިއެވެ.
އައިޖީއެމް ހޮސްޕިޓަލްގެ ޗެއަރޕަރސަން އެންޑް ހެޑް އޮފް ޑެންޓިސްޓްރީ އެންޑް އޯރޯފޭޝަލް ސަރޖަރީ ޑރ. ނަދީމާ ރަޝީދު ވިދާޅުވީ، ކޮންފަރެންސްގެ މައިގަނޑު އަމާޒަކީ ދާއިރާގެ މެދުގައި ގުޅުން ބަދަހިކޮށް، އެންމެ ޒަމާނީ ބަދަލުތަކަށް ޚިދުމަތްތެރިން އަހުލުވެރިކުރުވުމެވެ.
މި ކޮންފަރެންސްގައި އެކި ވޯކްޝޮޕްތަކާއި ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާނެ ކަމަށް ބައްވާ ފަރާތުން މަޢުލޫމާތު ދެއްވާފައިވެއެވެ.