ޚަބަރު
ރައީސް މައުމޫން، މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި

ރައީސް މައުމޫން، މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް މައުމޫންގެ އޮފީސް
ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް، މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތިރު މުޙައްމަދު އާއި ބައްދަލުކުރައްވައިފިއެވެ.
ރައީސް މައުމޫން، މެލޭޝިއާގެ ކުރިީގެ ބޮޑުވަޒީރާއި ބައްދަލުކުރައްވާފައިވަނީ، އެމަނިކުފާނުގެ 100 ވަނަ އުފަން ދުވާހާއި ދިމާކޮށެވެ. މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ، ޑރ. މަހާތިރު އަށް އުފަންދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ. ހަމަ އެހެންމެ، މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުންގެ އަގުވަޒަންކުރުމުގެ ގޮތުން މާލެ ހުކުރު މިސްކިތުގެ މުންނާރުގެ މޮޑެލްއެއް ވަނީ ހަދިޔާއަކަށް އަރުއްވާފައެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ، ދެ ބޭފުޅުންގެ ވެރިކަމުގެ ދައުރުގެ ހަނދާންތައް އައު ކުރައްވާފައެވެ. ހަމަ އެހެންމެ، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމަށް އަލިއަޅުއްވާލާ، އިސްލާމީ ދުނިޔޭގެ އެއްބައިވަންތަކަމާއި ސުލްޙަމަސަލަސްކަން އަދި ފާގަތިކަން ދެމެހެއްޓުމަށް ދެބޭފުޅުން ކުރައްވާ އުންމީދުތައް ހިއްސާކުރައްވާފައިވެއެވެ. އަދި ރައީސް މައުމޫން ވަނީ ޑރ. މަހާތިރު އިސްލާމީ ހިންގުން ހަރުދަނާ ކުރުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވާ ތަޢުރީފުކުރައްވާފައެވެ.
މީގެ އިތުރުން، ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ނިރުބަވެރިން ހިންގަމުންދާ ލާ އިންސާނީ ޢަމަލުތަކާއި ބެހޭގޮތުން ދެބޭފުޅުން ވަނީ ވާހަކަފުޅުދައްކާވަފައެެވެ. އަދި އެކަން ހުއްޓުވުމަށް އިސްލާމީ ޤައުމުތަކުގެ ވެރިން ނުކުޅެދިފާއިވުމާއި މެދު ދެ ބޭފުޅުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މި ބައްދަލުވުން ނިންމަވާލެއްވުމުގެ ކުރިން ރައީސް މައުމޫން ވަނީ، ނިމިދިޔަ ދުވަސްތަކުގައި މެލޭޝިއާއިން ދިވެހިރާއްޖެއާއި ދެމެދު ބެހެއްޓެވި ގާތްގުޅުމަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް މައުމޫން، މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރުގެ އަރިހަށް ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނުގެ ދަރިކަލުން ފާރިޝް މައުމޫން އަދި ދަރިކަނބަލުން ޔުމްނާ މައުމޫން ވަނީ ބައިވެރިވެވަޑައިގެންފައެވެ.