Ads by Stelco

ޚަބަރު

އުކާލާ ކުނި ބޭނުންކޮށްގެން ޖަލުތަކުގައި ގަސްކާނާ އުފައްދަނީ

އުކާލާ ކުނި ބޭނުންކޮށްގެން ޖަލުތަކުގައި ގަސްކާނާ އުފައްދަނީ

ގަސްކާނާ އުފެއްދުމުގެ މަސައްކަތް ފެށުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ސޮނޭވާއާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ޖުލައި 2025، 10:54

09 ޖުލައި 2025، 10:54

ޖަލުތަކުން އުކާލާ ކުނި ބޭނުންކޮށްގެން ގަސްކާނާ އުފެއްދުމުގެ މަސައްކަތް ފެށުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ކުނި މެނޭޖްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމުޢިއްޔާއެއް ކަމަށްވާ ސޮނެވާ ނަމޫނާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ތިމާވެށްޓާ ރައްޓެހި އަދި ފައިދާހުރި ގޮތެއްގައި ކުނި މެނޭޖުކުރުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފައިވެއެވެ. އުފައްދާ ގަސްކާނާ ބޭނުންކުރާނީ ޖަލުތަކުގައި ކުރިއަށްގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން ހިންގާ ދަނޑުވެރިކަމުގެ މަސައްކަތްތަކުގައި ކަމަށްވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި ފަހުމުނާމާގެ ދަށުން، އުކާލާ ކުނީގެ ބާވަތްތަކުން ގަސްކާނާ އުފެއްދުމަށް ބޭނުންވާ އާލާތްތައް ސޮނެވާ ނަމޫނާއިން ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން، ގަސްކާނާ އުފެއްދުމުގެ ހުނަރު ދަސްކޮށްދިނުމަށް ތަމްރީނު ސެޝަންތަކެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގައި ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު އެވެ. އަދި ސޮނެވާ ނަމޫނާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް އަޒްހޫރާ އަޙްމަދު އެވެ.

މި މަޝްރޫޢަކީ ޤައިދީންގެ އަތުން އުފެއްދުންތެރި މަސައްކަތްތަކެއް ކުރުވުމާއެކު، ތިމާވެށި ހިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ. އަދި މި މަސައްކަތުން ޤައިދީންނަށް މުޖުތަމަޢުއަށް ބޭނުންތެރި ހުނަރުތަކެއް ދަސްވެގެންދާނެ ކަމަށްވެސް ލަފާކުރެވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން