ޚަބަރު
ދެމެހެއްޓެނިވި އަދި އެކުލެވޭ އިޤްތިސާދެއް ބިނާކުރުމުގައި އެމްއެސްއެމްއީތަކުގެ ދައުރު މުހިންމު: ނައިބު ރައީސް ހުސެއިން

"އެމްޕަވަރިންގް އެމް.އެސް.އެމް.އީޒް އިން ސިޑްސް ތުރޫ ގްރާންޓްސް: ލެސަންސް ފްރޮމް ދަ މޯލްޑިވްސް އެކްސްޕީރިއަންސް" އިވެންޓް ކުރިއަށްދަނީ
ދެމެހެއްޓެނިވި އަދި އެކުލެވޭ އިގްތިސާދެއް ބިނާކުރުމުގައި އެމްއެސްއެމްއީތަކުގެ ދައުރު މުހިންމު ކަމަށް ނައިބު ރައީސް ހުސެއިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ހުސެއިން މިހެން ވިދާޅުވީ ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގެ ހަވާސާގައި، ރާއްޖޭގެ ފަރާތުން އިންތިޒާމްކޮށްގެން ރޭ ކުރިއަށް ގެންދިޔަ، "އެމްޕަވަރިންގް އެމް.އެސް.އެމް.އީޒް އިން ސިޑްސް ތުރޫ ގްރާންޓްސް: ލެސަންސް ފްރޮމް ދަ މޯލްޑިވްސް އެކްސްޕީރިއަންސް" އިވެންޓްގައެވެ.
ނައިބު ރައީސް ހުސެއިން ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް (އެމްއެސްއެމްއީ) ކުރިއެރުވުމަށް ހިލޭ އެހީ މެދުވެރިކޮށް ކުރެވޭ މަސައްކަތްތަކާ ގުޅޭ ގޮތުން ރާއްޖޭގެ ތަޖުރިބާ ހިއްސާކުރައްވައިފައެވެ. މިއިވެންޓުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދެމެހެއްޓެނިވި އަދި އެކުލެވޭ އިޤްތިޞާދެއް ބިނާކުރުމުގައި އެމްއެސްއެމްއީތަކުގެ ދައުރު މުހިންމުކަމަށެވެ.
ސެވިލްގައި ކުރިއަށްދާ ތަރައްޤީއަށް ފައިނޭންސިންގ ހޯދުމާބެހޭ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ތެރެއިން ބޭއްވުނު މި ޙަރަކާތުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ 90 އިންސައްތައަކީ އެމްއެސްއެމްއީތައް ކަމަށް ފާހަގަކުރައްވައި، މި ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ.
މިގޮތުން، ކްރިއޭޓިވް އިކޮނޮމީ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ފައިނޭންސިންގ އަށް ވާސިލުވުމުގެ ފުރުސަތު އިތުރުކުރުމާއި، އެއްތަނެއްގައި މަސައްކަތްކުރެވޭނެ ޖާގަ ހޯދައިދިނުމާއި، މާކެޓަށް ވާސިލުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެމްއެސްއެމްއީތަކަށް ބޭނުންވާ ހުނަރާއި، ތަމްރީނާއި، މައުލޫމާތާއި، ފައިނޭންސިންގ މެކޭނިޒަމްތަކާއި، ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށްވެސް މި ޕްލޭންގައި އަމާޒުކުރެވިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޚާއްސަކޮށް ރަށްރަށުގައި އަންހެނުންނާއި ޒުވާނުން ހިންގާ ވިޔަފާރިތަކަށް ސަރުކާރުން އިސްކަންދެއެވެ. މިގޮތުން އަންހެން ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން "ފަށާ މަދަދު" ލޯނު ސްކީމްގެ ދެވަނަ ފިޔަވަހި ފަށާފައިވާކަމާއި، މި ސްކީމްގެ 25 އިންސައްތަ ޚާއްސަކުރެވިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށްކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ބޭންކިންގ ޚިދުމަތްތައް ޤައުމީ ފެންވަރުގައި ފުޅާކުރުމާއި، ދަތުރުފަތުރުގެ ވިއުގަ ހަރުދަނާކުރުމާއި، ޑިޖިޓަލް ގުޅުން ވަރުގަދަކުރުމުގެ ތެރެއިން އެމްއެސްއެމްއީތަކުގެ ކުރިއެރުމަށް މަގުފަހިކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
ސްޕެއިންގެ ސެވިލްގައި ކުރިއަށްދާ ތަރައްޤީއަށް ފައިނޭންސިންގ ހޯދުމާބެހޭ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ކުރިއަށް ދަނީ 2025 ވަނަ އަހަރުގެ ޖޫން 30 އިން ޖުލައި 3 އަށެވެ.