ޚަބަރު
ރާއްޖޭގައި އާންމު މަސްތުވާތަކެތީގެ ބާވަތްތަކާއި، އެކަމުގެ ޙާލަތު ދެނެގަތުމަށް ދިރާސާއެއް ހަދަނީ

ރާއްޖެއިން އަތުލާފައިވާ މަސްތުވާތަކެތީގެ ބައެއް ބާވަތް ނައްތާލުން ފޮޓޯ:ފުލުހުން
ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާގޮތާއި، އެތަކެތީގެ ބާވަތްތަކަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމަށް ޕައިލެޓް ސްޓަޑީއެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ. މި ސްޓަޑީގެ މައިގަނޑު މަޤްސަދަކީ މަސްތުވާތަކެއްޗަށް ދެވޭ ފަރުވާއާއި ނިޒާމު މިހާރުގެ ޙާލަތަށް ބައްޓަންކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމެވެ.
ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަދި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ބޯޑުގެ ޗެއަރ، ލުބްނާ ޒާހިރު ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ ގޮތާއި ބާވަތްތަކަށް ވަރަށް ބޮޑަށް ބަދަލު އައިސްފައިވާ ކަމަށެވެ. މީގެ ކުރިން 2012 ވަނަ އަހަރާއި 2022 ވަނަ އަހަރު މަސްތުވާތަކެތީގެ ހާލަތާ ގުޅޭ ސްޓަޑީއެއް ހަދާފައިވެއެވެ.
ސްޓޭޓް މިނިސްޓަރ ލުބްނާ ވިދާޅުވީ، 10 އަހަރު ކުރިއަށް ބަލާއިރު މަސްތުވާތަކެތި ބޭނުންކުރާ މީހުން ގިނައިން ބޭނުންކޮށްފައިވަނީ ހެރޮއިންއާއި ކެނަބިސްކަމަށް ފާހަގަވެފައިވީނަމަވެސް، މިހާރު ކެނަބިސްގެ އިތުރުން ސިންތެޓިކް ނުވަތަ ކެމިކަލް ޑްރަގްތައް ވަރަށް ބޮޑަށް އާއްމުވެފައިވާކަމަށެވެ. އަދި މިހާރު މަސްތުވާތަކެތި ބޭނުންކުރާ ގިނަ މީހުން އެއްފަހަރާ މަސްތުވާތަކެތީގެ ތިން ބާވަތަށްވުރެ ގިނަ ބާވަތަށް ޕޮޒިޓިވްވާކަން ފާހަގަކުރެވޭ ކަމަށް ލުބްނާ ހާމަކުރެއްވިއެވެ.
އެންޑީއޭގެ ފަރުވާ ކްލިނިކްތަކަށް އަންނަ މީހުން، އެންމެ މަދުން ޕޮޒިޓިވްވާ މީހުންވެސް ތިން ބާވަތެއްގެ ޑްރަގަށް އެއްފަހަރާ ޕޮޒިޓިވްވެފައި ހުރޭ. ބައެއް މީހުން ހަތް، އަށް ނުވަތަ ނުވަ ބާވަތަށްވެސް ޕޮޒިޓިވްވޭ. މިއީ ބޮޑު ކަންބޮޑުވުމެއް. އެހެންވީމަ އެމީހުންގެ ފަރުވާގެ ނިޒާމު ބައްޓަންވާންވާނީ، މިކަމަށް ބިނާކޮށް. އެހެންވެ ރަނގަޅު ސްޓަޑީއެއް ބޭނުންވަނީ
ސްޓޭޓް މިނިސްޓަރ ލުބްނާ
މި ޕައިލެޓް ސްޓަޑީއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ދެނެގަނެ، އެމީހުންނަށް ބޭނުންވާ ފަރުވާ ރަނގަޅަށް ބައްޓަންކުރުމަށްޓަކައި ކުރިއަށްގެންދާ މަސައްކަތެކެވެ. މިކަމަށްޓަކައި އެންޑީއޭގެ ފެސިލިޓީތަކުގައި ޓެސްޓިން ކެޕޭސިޓީ މިހާރު ވަރުގަދަކޮށްފައިވެއެވެ. މިހާރު މަސްތުވާތަކެއްޗަށް ހަދާ ޔޫރިން ޓެސްޓިން ޕެނަލްގައި 14 ބާވަތަކަށް އެއްފަހަރާ ޓެސްޓުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ސްޓަޑީއަށް ބޭނުންވާ ޓެސްޓިންތައް ކުރިއަށްގެންދާނީ މި ޓެސްޓިން ޕެނަލް ބޭނުންކޮށްގެންނެވެ.
ލުބްނާ ވިދާޅުވީ، ގާތްގަނޑަކަށް 1000 މީހުންގެ މަޢުލޫމާތު އެއްކުރުމަށް މި މަސައްކަތުގައި ހަމަޖެހިފައިވާ ކަމަށެވެ. ފުރަތަމަ ފިޔަވަހީގައި 150 މީހުންގެ ސާމްޕަލް ނަގައި، ދިރާސާ ކުރެވޭނެއެވެ. މިކަމުގައި ޑޮކްޓަރުންނާއި ނަރުހުންނާއި ކައުންސިލަރުންގެ ބައިވެރިވުން ހިމެނޭނެއެވެ. މި ސްޓަޑީގައި އެންޑީއޭގެ ފަރުވާއަށް އަންނަ މީހުންނާއި، ފަހުން ރެންޑަމް ސާމްޕްލިންވެސް ހިމެނޭނެއެވެ.
މިފަދަ މަސައްކަތެއްގެ ސަބަބުން، މަސްތުވާތަކެތީގެ އޯވަޑޯޒްވުން މަދުކުރެވުމާއި، ފަރުވާގެ ނިޒާމު ބައްޓަންކުރުމުގައި ކުރިމަގުގައި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ފަހިވެގެންދާނެކަމަށް ސްޓޭޓް މިނިސްޓަރ ލުބްނާ ޒާހިރު ވިދާޅުވިއެވެ.