ވިޔަފާރި / ޚަބަރު

ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ކުރާ ބޭރުގެ މުޢާމަލާތްތަކުގެ ލިމިޓު ދެގުނައަށް ބޮޑުކޮށްފި

ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ކުރާ ބޭރުގެ މުޢާމަލާތްތަކުގެ ލިމިޓު ދެގުނައަށް ބޮޑުކޮށްފި

ކުރިން ބީއެމްއެލްގެ ކާޑުތަކުން ބޭރުފައިސާގެ މުޢާމަލާތްތައް ކުރެވެނީ 250 ޑޮލަރާ ހަމައަށް، ފޮޓޯ: ބީއެމްއެލް

30 ޖޫން 2025، 10:11

ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ކުރާ ބޭރުގެ މުޢާމަލާތްތަކުގެ ލިމިޓު ދެގުނައަށް ބޮޑުކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނިންމައިފިއެވެ. އެގޮތުން ކުރިން 250 ޑޮލަރާ ހަމައަށް ޑެބިޓު ކާޑުތަކުން މުޢާމަލާތް ކުރެވޭއިރު، އެ އަދަދު 1 ޖުލައި 2025އިން ފެށިގެން 500 ޑޮލަރަށް އިތުރުކުރަން ނިންމާފައިވާކަމަށް ބީއެމްއެލްއިން ވަނީ މިއަދު އިޢުލާންކޮށްފައެވެ.

އޮންލައިން ވިޔަފާރިތަކަށް ދިވެހިންގެ ފަރިތަކަން މިހާރު ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާއިރު، ނިސްބަތުން ގިނަ ބަޔަކު އަންނަނީ އޮންލައިންކޮށް އަމިއްލަ ބޭނުންތަކަށާއި ވިޔަފާރީގެ ބޭނުންތަކަށް ތަކެތި ގެންނަމުންނެވެ. އެހެންކަމުން، ބީއެމްއެލް މެދުވެރިކޮށް ކުރެވޭ މުޢާމަލާތްތަކުގެ ލިމިޓު ބޮޑުކުރެއްވުމަކީ ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމުގައި އެ މަނިކުފާނު ކަނޑައެޅުއްވިއެވެ.

ބޭންކުން ހާމަކޮށްފައިވާ ގޮތުގައި ޑެބިޓު ކާޑުތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް ވިޔަފާރި މުދާ ގެނައުމަށެވެ. އެހެންކަމުން ބައެއް ވެބްސައިޓުތަކުން ގެންނަ މުދަލުން %30 އާ ހަމައަށް ފީއެއް ނެގޭނެކަމަށް ބޭންކުން ހާމަކުރެއެވެ. މި ފީއަކީ މިހާރު ޑެބިޓު ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ގެނައި ބަދަލެއްކަމަށް ބޭންކުން ހާމަކުރެއެވެ. 

އެގޮތުން ވިޔަފާރީގެ ބޭނުމަށް އެންމެ ގިނައިން ތަކެތި ގަންނަމުންދާކަމަށް ބޭންކަށް ފާހަގަ ކުރެވިފައިވާ އޮންލައިން ފިހާރަތަކުން ބައްލަވައިގަންނަ މުދަލަށް މި ފީ ޗާޖުކުރާނެ ކަމަށް ބޭންކުން ބުނެއެވެ. މި ވިޔަފާރިތަކުގެ ތެރޭގައި ބޭންކުން ފާހަގަކޮށްފައި ވަނީ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއެވެ. 

ނަމަވެސް ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުޢާމަލާތްކުރާ ސައިޓްތަކުން ޚިދުމަތް ހޯދާއިރު، މި ފީ ދައްކަން ނުޖެހޭނެކަމަށް ބޭނުންކުން ހާމަކުރެއެވެ. އަދި ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތައް ވެސް މީގެ ތެރޭގައި ނުހިމެނޭކަމަށް ބޭންކުން ހާމަކުރެއެވެ.

މީގެ އިތުރުން އޭޓީއެމްއިން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރުކަމަށާއި، ފައިސާ ނެގުމުން ޗާޖްކުރެވޭނީ 10 ޔޫއެސްޑޮލަރުކަމަށް ވެސް ބޭނުންކުން ވަނީ ހާމަކޮށްފައެވެ.

ބޭންކުން ބުނީ މިއީ އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދާ ދިނުމަށް ގެނައި ބަދަލެއްކަމަށެވެ. އަދި މީގެ ފަހުން ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް މަހަކަށް ކަނޑައެޅޭ ލިމިޓް ބެލުމުގައި ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާއި ހަމައަށްކަމަށް ހާމަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS