ވިޔަފާރި / ޚަބަރު
"ޙަލާލް ޓޫރިޒަމް" ތަރައްޤީކުރާ ރަށެއްގެ ގޮތުގައި އައްޑޫ ސިޓީގެ ހަންކެޑަ ކަނޑައަޅައިފި

އައްޑޫ ސިޓީ ހަންކެޑަ، ފޮޓޯ: ސަން
"ޙަލާލް ޓޫރިޒަމް" ތަރައްޤީކުރާ ރަށެއްގެ ގޮތުގައި އައްޑޫ ސިޓީގެ ހަންކެޑަ ކަނޑައަޅައިފިއެވެ.
މިއީ ރާއްޖެއަށް ޙަލާލް ޓުއަރިޒަމް ފުޅާ ކުރެވުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ. އެގޮތުން ރާއްޖޭގެ 5 ސަރަޙައްދެއްގައި ޙަލާލު ޓޫރިޒަމް ތަރައްޤީ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މީގެ ތެރެއިން އެއް ސަރަޙައްދަކީ އައްޑޫ ސިޓީގެ ހަންކެޑަކަމަށް ސަރުކާރުން ކަނޑައެޅީ މިއަދެވެ.
ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއި ގުޅިގެން އެ ވުޒާރާއިން އަންނަނީ އެކަން ތަންފީޒުކުރުމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ޙަލާލު ޓޫރިޒަމަކީ ޚާއްޞަކޮށް މުސްލިމު ފަތުރުވެރިންގެ ބޭނުންތަކަށް ރިއާޔަތްކޮށް، އެހެން ހުރިހާ މެހުމާނުންނަށްވެސް މެހުމާންދާރީ އަދާކުރެވޭގޮތަށް، ފަރުމާކުރެވިފައިވާ ޚިދުމަތްތަކެކެވެ. މި ކޮންސެޕްޓް ތަންފީޒުކުރެވިގެން ދާނީ ރިސޯޓު ތަރައްގީކުރެވޭ މަރުހަލާގެ ތެރެއިންނާއި އަދި ރިޒޯޓް އޮޕަރޭޝަންސްގެ މަރުހަލާގައެވެ.
އައްޑޫ ސިޓީގެ ހަންކެޑެ ގައި ތަރައްޤީ ކުރެވިގެންދާ "ހަލާލް ޓޫރިޒަމް" ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތުކުރުމަށް އިތުރަށް މަގު ފަހިވެގެން ދާނެކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އަދި މި ފަދައިން ތަރައްޤީކުރާ ރިޒޯޓުތަކުގެ ސަބަބުން އައްޑޫ ސިޓީގައި ވަޒީފާ އުފެދި، އިޤުތިޞާދީ ދުވެލި ހަލުވިވެގެންދާނެކަމަށް ވެސް އެ ވުޒާރާއިން ޤަބޫލުކުރެއެވެ.
ރާއްޖޭގައި ޙަލާލު ޓުއަރިޒަމް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެކަމަށް އިންވެސްޓަރުން ޝައުގުވެރިކުރުވުމަށް ލުއިތަކެއް ދެއްވުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.