ވިޔަފާރި / ޚަބަރު
އެމްއޭސީއެލްގެ މިދިޔަ އަހަރުގެ ސާފު ފައިދާ ބިލިއަނަކަށް ވުރެ މައްޗަށް

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ގްރައުންޑުކޮށްފައި އޮތް ފްލައިޓަކަށް މުދާ އަރުވަނީ، ފޮޓޯ: ވެލާނާ އެއާރޕޯޓު
މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް 2023 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
ހުޅުލޭ އައިލެންޑު ހޮޓަލުގައި މިއަދު ބޭއްވި އެމްއޭސީއެލްގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ މާލީ ހިސާބުތައް އާންމުކޮށްފައިވާއިރު، އެ ކުންފުންޏަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 1.1 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު އެމްއޭސީއެލްއަށް ލިބިފައިވަނީ 7.9 ބިލިޔަން ރުފިޔާއެވެ. މިއީ 2023 ވަނަ އަހަރު ލިބުނު 7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 11 އިންސައްތައިގެ ކުރިއެރުމެކެވެ.
އަދި ކުންފުނީގެ ރިކަރަންޓު ޚަރަދު މިދިޔަ އަހަރު 7.2 ބިލިއަން ރުފިޔާގައި ހުރިއިރު، ސާފު ފައިދާގެ ގޮތުގައި ލިބުނީ 1.1 ބިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވާ 833.5 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 32.2 އިންސައްތަ އިތުރު އަދަދެކެވެ.
އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި، މިއީ އެ ކުންފުނީގެ ތާރީޙުގައި މި މިންވަރަށް ސާފު ފައިދާ ލިބުނު ފުރަތަމަ ފަހަރެވެ.
އެ ކުންފުނީގެ ހިސާބުތައް ދައްކާގޮތުން، ކުންފުންޏަށް ލިބުނު ފައިދާގެ ބޮޑު ބައެއް ޙިއްސާކުރަނީ އެ ކުންފުނީގެ އެއަރ ޓްރެފިކް ޚިދުމަތް ނޫން އެހެން ޚިދުމަތްތަކުން ލިބިފައިވާ އާމްދަނީތަކުންނެވެ. މިދިޔަ އަހަރު މި ބައިން 6.7 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
އެމްއޭސީއެލްއިން ވަނީ ތެޔޮ ވިއްކައިގެން މިދިޔަ އަހަރު 4.7 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ހޯދާފައެވެ. މިއީ ވައިގެ ޚިދުމަތް ނޫން އެހެން ގޮތްގޮތުން ހޯދާ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ދާއިރާ ވެސް މެއެވެ.
ވައިގެ ޚިދުމަތްތަކާއި ގުޅުން ހުރި އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 1.06 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މި ބައިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރައުންޑް ހޭންޑްލިންގ ފީ ގެ ގޮތުގައެވެ. އެގޮތުން ގްރައުންޑް ހޭންޑްލިން ފީގެ ގޮތުގައި 630.9 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
އެމްއޭސީއެލްގެ ފައިދާ ކުރިޔަށްއޮތްތާންގައި މިއަށްވުރެ އިތުރުވެގެން ދާނެކަމަށް ބެލެވެއެވެ. އެއީ މިއަންނަ މަހު ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ އައު ޓާރމިނަލް ހުޅުވުމަށް ނިންމާފައިވުމުންނެވެ. މިގޮތުން އަލަށް ހުޅުވާ ޓާމިނަލުގައި ކޮމާޝަލް ގިނަ ޖާގަތަކެއް ދޭއިރު، ޓާމިނަލުން ދޭ ޚިދުމަތްތައް ފުޅާކުރެވޭނެ ކަމަށް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.