Ads by Stelco

ޚަބަރު

ސިންގަޕޫރު ރައީސްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އެ ގައުމަށް ފުރާވަޑައިގަންނަވަނީ

ސިންގަޕޫރު ރައީސްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އެ ގައުމަށް ފުރާވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް---

29 ޖޫން 2025، 09:43

ސިންގަޕޫރު ރައީސް، ހިޒް އެކްސެލެންސީ ތަރުމަން ޝަންމުގަރަޓްމަންގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އެ ގައުމަށް ފުރާވަޑައިގަންނަވަން ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މެޑަމް ސާޖިދާ މުޙައްމަދު ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.

މ ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސްގެ އިތުރުން، ހިޒް އެކްސެލެންސީ ޕްރައިމް މިނިޓަރ ލޯރެންސް ވޮންގް އަދި އެ ގައުމުގެ ކެބިނެޓް މިނިސްޓަރުންނާ ވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވުމަށް ވަނީ ހަމަޖެހިފައެވެ. 

މި ބައްދަލުކުރެއްވުންތަކުގައި މަޝްވަރާކުރައްވާނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރު ބަދަހުކުރެއްވުމުގެ ގޮތުންނާއި، ތަރައްޤީގެ މަސައްކަތްތަކުގައި ދެ ގައުމުން ގުޅިގެން ކުރިޔަށްގެންދެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުއްވުމަށެވެ.

މީގެއިތުރުން، ސިންގަޕޫރުގައި އޮތް ވިޔަފާރި ފޯރަމަކަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. މި ޕޯރަމްގައި ސިންގާޕޫރުގައި އެންމެ ފުޅާ ދާއިރާގައި ވިޔަފާރި ކުރައްވަމުން ގެންދަވާ ފަރާތްތައް ބައިވެރިވެވަޑައިގަންނަވާނެކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

އަދި ރައީސްގެ މި ދަތުރުފުޅުގައި، ބައެއް ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވެސް ހަމަޖެހިފައިވެއެވެ. 

މި ދަތުރުފުޅުގައި ރައީސް މާލެ ވަޑައިގަންނަވާނީ، ސިންގަޕޫރުގައި ތިބި ދިވެހި ކިޔަވާ ކުދިންނާ ވެސް ބައްދަލުކުރެއްވުމަށް ފަހުއެވެ. 

ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު މިހާރު ވެސް ރަގަޅު ގުޅުމެއް އޮވެއެވެ. އަދި މި ދަތުގެ ސަބަނުން މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ގަބޫލުކުރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއެވެ. 

ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން އުފެދުނީ 20 ފެބުރުވަރީ 1975 ގައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS