ޚަބަރު
ދަރިވަރުން އަތުން މެލޭޝީއާއިން ނަގާ ޓެކުހުގެ ބުރަ ދިވެހި ދަރިވަރުންނަށް އުފުލަން ނުޖެހޭނެގޮތަށް ހަމަޖައްސާނަން : ވަޒީރު ޑރ. ޙައިދަރު

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ފޮޓޯ: ރައީސް އޮފީސް
މެލޭޝިއާގައި ކިޔަވަމުންދާ ބޭރުގެ ދަރިވަރުންގެ އަތުން ޓެކްސް ނެގުމަށް އެޤައުމުން ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން، ދިވެހި ދަރިވަރުންނަށް އެކަމުގެ ބުރައެއް އުފުލަން ނުޖެހޭނެ ކަމަށް މަތީ ތަޢުލީމާ މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، މިކަމާ ގުޅޭ މަޢުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ސާފުކުރަމުންދާ ކަމަށާއި، ސަރުކާރުން މިކަމަށް ޙައްލެއް ހޯއްދަވާނެ ކަމަށެވެ.
ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވީ، މެލޭޝިއާ ސަރުކާރުން މި ނިންމުން އިޢުލާނުކޮށް ތަންފީޒުކުރުމާ ދެމެދު ދީފައިވަނީ ހަފްތާއެއްހާ ދުވަހުގެ ކުރު މުއްދަތެއް ކަމަށެވެ. އަދި މިކަން މެލޭޝިއާގެ ސަރުކާރުން ރަސްމީކޮށް ދިވެހިރާއްޖެއަށް އަންގާފައި ނެތް ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ކުރިއާލާ އެކަމުގައި ފިޔަވަޅެއް އެޅުމަށް ނުވަތަ މަޝްވަރާކޮށް ގޮތެއް ނިންމުމަށް އެކަށީގެންވާ ވަގުތު ލިބިފައި ނުވާކަމަށް ޑރ. ޙައިދަރު ވިދާޅުވިއެވެ. ނަމަވެސް، މިކަން ސަރުކާރުގެ ސަމާލުކަމަށް އައިސް، މިހާރު މިކަން ގާތުން ބަލަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މެލޭޝިއާގެ ސޭލްސް އެންޑް ޓެކްސްގެ ޤާނޫނަށް ގެނައި ބަދަލުގައި ވަނީ، އެ ޤައުމުގައި ހިނގާ ޕްރައިވެޓް އެޑިއުކޭޝަން ސިސްޓަމުގައި ކިޔަވާ ބޭރުގެ ދަރިވަރުންގެ އަތުން %6 ގެ ޓެކްހެއް ނެގުމަށް ނިންމާފައެވެ. މިކަމަށް ޢަމަލުކުރަން ފަށާފައިވަނީ މި ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
ވަޒީރު ޑރ. ޙައިދަރު ވިދާޅުވީ، މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ތަޢުލީމު ހާސިލުކުރާ މުހިންމު ޤައުމަކަށްވުމާއެކު، މިކަމުގައި ދިވެހި ދަރިވަރުންނަށް އެޅޭނެ ފިޔަވަޅުތަކާމެދު ސަރުކާރުން މިހާރު މަޝްވަރާކުރަމުންދާ ކަމަށެވެ. ވަޒީރު ވަނީ މިކަން ދަރިވަރުންނަށް ބުރައަކަށް ނުވާނެހެން ކަންކަން ހަމަޖައްސަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ސަރުކާރުގެ ސްކޮލަރޝިޕާއި ލޯނުގައި ކިޔަވާ ދަރިވަރުންގެ އިތުރުން، އަމިއްލަ ގޮތުން ކިޔަވަން ގޮސް ތިބި ދަރިވަރުންނަށް ވެސް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް ޑރ. ޙައިދަރު ވިދާޅުވިއެވެ.
މެލޭޝިއާ ސަރުކާރުގެ ނިންމުމުގައި ބުނެފައިވާގޮތުން، މި ޓެކްސް ނެގުމަށް ނިންމާފައިވަނީ މެލޭޝިއާގައި ޕްރައިވެޓް އެޑިއުކޭޝަން ސިސްޓަމުގައި ކިޔަވާ ހުރިހާ ބޭރު ދަރިވަރުންގެ އަތުންނެވެ. މީގެތެރޭގައި ޕްރީސްކޫލް، ސްކޫލް، ކޮލެޖު، ޔުނިވަރސިޓީތައް އަދި ލެންގްއޭޖް ސެންޓަރުތަކުގައި ކިޔަވާ ބޭރުގެ ދަރިވަރުން ވެސް ހިމެނެއެވެ. ނަމަވެސް، މި ޓެކްސް ނަގާނީ ޓިއުޝަން ފީގެ ގޮތުގައި އަހަރަކު 60،000 މެލޭޝިއަން ރިންގިޓަށްވުރެ (ދިވެހި ރުފިޔާއިން ބަލާނަމަ 2 ލައްކަ 18 ހާސް ރުފިޔާ) ގިނައިން ޚަރަދުކުރާ ދަރިވަރުންގެ އަތުންނެވެ.