ޚަބަރު
ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި އަޅާ މިސްކިތުގެ ބިންގާ، ދަރިކަލުން އަޅައިފި

ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި އަޅާ މިސްކިތުގެ ބިންގާ އެޅުން ފޮޓޯ: ޙިދުމަތް ޖަމްޢިއްޔާ
ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ޚިދުމަތްތެރި ދާޢީ، ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރާ މިސްކިތުގެ ބިންގާ، ޝައިޚު ފަރީދުގެ ދެ ފިރިހެން ދަރިކަލުން ކަމަށްވާ މުޙައްމަދު ފަރީދާއި އަބްދުﷲ ފަރީދު އަޅައިދީފިއެވެ.
ޝައިޚް ފަރީދު އަވަހާރަވީ މިމަހުގެ 9 ވަނަ ދުވަހު އުމުރުފުޅުން 53 އަހަރުގައެވެ. އެއީ ދީނީ ދަޢުވަތުގެ މަސައްކަތެއްގައި މެލޭޝިޔާއަށް ވަޑައިގެން، ކުއަލަލަންޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވަނިކޮށެވެ.
ޝައިޚު ފަރީދު އަވަހާރަވުމާއެކު، އޭނާ މަސައްކަތް ކުރައްވަމުން ގެންދެވި 'ޚިދުމަތް' ޖަމިއްޔާއިން މިމަހުގެ 11 ވަނަ ދުވަހު ވަނީ އޭނާގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ނިންމައި، އެކަމުގައި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި މިސްކިތް އެޅުމަށް އެހީވުމަށް ހުޅުވައިލި ފުރުސަތުގައި ކުޑަ ވަގުތުކޮޅެއް ތެރޭގައި މިސްކިތް އަޅަން ހޭދަވާނެ ކަމަށް އަންދާޒާކުރި 760،000 ރުފިޔާ ވަނީ ހަމަވެފައެވެ.
މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ފަށައިދިނުމުގެ ގޮތުން، ޚިދުމަތް ޖަމިއްޔާގެ ފަރާތުން، ޝައިޚްގެ ދެ ދަރިކަލުން ކަމަށްވާ މުޙައްމަދު ފަރީދާއި އަބްދުﷲ ފަރީދު ބަންގްލަދޭޝަށް ފުރީ މީގެ ދެ ދުވަސް ކުރިންނެވެ. ޚިދުމަތް ޖަމިއްޔާއިން ވަނީ މި މިސްކިތުގެ ބިންގާ އެޅިކަން ހާމަކޮށް ވީޑިއޯއެއްވެސް އާންމުކޮށްފައެވެ. މި މިސްކިތުގެ ބިންގާ އަޅައިދީފައިވާއިރު، މިސްކިތް ބިނާކުރުމަށް ދިވެހީންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް އާއިލާއާއި، ޚިދުމަތް ޖަމިއްޔާގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި އަޅަނީ 455 މީހުންނަށް ނަމާދުކުރެވޭ، 255 އަކަފޫޓުގެ ޖާގައިގެ މިސްކިތެކެވެ.
މިމަސައްކަތަށް ގިނަ ބަޔަކު ބައިވެރިވެ، އިތުރަށް ފަންޑު ލިބެމުންދާތީ، ޚިދުމަތް ޖަމިއްޔާއިން ވަނީ ޝައިޚް ފަރީދުގެ ނަމުގައި ރާއްޖޭގައިވެސް މިސްކިތެއް ބިނާކުރުމަށް ނިންމާފައެވެ. ނަމަވެސް، ރާއްޖޭގައި އަޅަން ނިންމާފައިވާ މިސްކިތާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ޚިދުމަތް ޖަމިއްޔާއިން އަދި ހާމައެއް ނުކުރެއެވެ.