ޚަބަރު
އެފްއޭއެމް ކޮންގްރެސް: އެސޯސިއޭޝަންގެ އަސާސީ ގަވާއިދު ފާސްކޮށްފި

އެފްއޭއެމް ކޮންގްރެސްގައި އަސާސީ ގަވާއިދު ފާސްކުރުމަށް ވޯޓު ދެނީ، ފޮޓޯ: އެފްއޭއެމް
މިއަދު ބޭއްވި ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)ގެ ކޮންގްރެސްގައި އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދު ފާސްކޮށްފިއެވެ. މި ގަވާއިދު ފާސްކުރީ ކޮންގްރެސްއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.
މީރުމާ ހޮޓަލުގައި ކުރިޔަށް ގެންދާ މި ކޮންގްރެސްއަށް 21 ކްލަބަކުން ވަނީ ހާޒިރުވެފައެވެ. ނަމަވެސް ކޮންގްރެސްގައި ވޯޓު ދިނުމުގެ ހައްގު 23 ކްލަބަކަށް ލިބިފައި އޮތެވެ. ކޮންގްރެސްގައި ބައިވެރި ނުވަނީ އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީއެވެ. ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކުން ދެ މަންދޫބުން ހިމެނޭ ގޮތަށް 23 މަންދޫބުން ކޮންގްރެސްގައި ތަމްސީލު ކުރިއެވެ.
ކޮންގްރެސްގައި އަސާސީ ގަވާއިދަށް ގެންނަން ބޭނުންވާ ހުރިހާ އިސްލާހަކަށް ވެސް އަހާފައިވަނީ އެއްކޮށެވެ.
އަސާސީ ގަވާއިދަށް ގެނައި އެންމެ ބޮޑު ބަދަލަކީ، ޒޯން އުވާލައި ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ކްލަބްތަކުގެ އަދަދު އިތުރު ކުރުމެވެ. ކުރީގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި އެފްއޭއެމްގެ މެންބަރު ކްލަބްތައްކަމަށް ބަލަނީ ފުރަތަމަ ޑިވިޝަނުގެ 8 ކްލަބާއި އަދި ދެވަނަ ޑިވިޝަނުން 10 ކްލަބެވެ.
މި ބަދަލާއެކު އެފްއޭއެމްގެ މެންބަރުންނަށް ދެން ވާނީ ފުރަތަމަ ޑިވިޝަނުގެ 10 ކްލަބާއި، ދެވަނަ ޑިވިޝަނުގެ 13 ކްލަބެވެ.
އެހެންކަމުން، މި ކޮންގްރެސްއަށްފަހު ދެން ބާއްވާ ކޮންގްރެސްގައި ބައިވެރިވެވޭނީ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ޓީމުތަކަށް އެކަންޏެވެ. އަދި ޒޯން ޓީމެއްކަމަށް ބުނެ އެފްއޭއެމްއިން ފުރުސަތުދިން ސީބީއަލްއަށް ދެން ކޮންގްރެސްގައި ތަމްސީލުނުކުރެވޭނެއެވެ.
އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން ފޯމާއެކު މަދުވެގެން ފަސް ކްލަބަކުން ތާއީދުކުރާކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެއެވެ. އޭގެތެރެއިން ފުރަތަމަ ޑިވިޝަނުން ތާއީދު ސިޓީ ހޯދަން ޖެހޭނީ ތިން ކްލަބުންކަމަށް ކުރީގެ އަސާސީ ގަވާއިދުގައި ވެއެވެ. އެކަމަކު ކޮންގްރެސްގެ މެންބަރުން މިއަދު ފާސް ކުރި އަސާސީ ގަވާއިދުގައި ވަނީ ފަސް ކްލަބްގެ ތެރެއިން ފުރަތަމަ ޑިވިޝަނުން މަދުވެގެން ދެ ކްލަބްގެ ތާއީދު ސިޓީ ހުށަހަޅާ ގޮތަށެވެ.
މި ކޮންގްރެސްގައި އެފްއޭއެމްގެ 2023 އަދި 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓް ކުރެވިފައިވާ މާލީ ބަޔާންތައް ހުށަހެޅުން އޮންނާނެއެވެ.
އެފްއޭއެމްގެ ކޮންގްރެސްގެ އެޖެންޑާގައި ހިމެނޭ އިތުރު ކަންތައްތަކުގެ ތެރޭގައި 2025 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅުމާއި، 2025 ން 2028 އަށް އޮޑިޓްކުރާ އެކްސްޓާނަލް އޮޑިޓަރުން އައްޔަނުކުރުމާއި، އައު ހިންގާ ކޮމިޓީ ހޮވުމަށް އިންތިހާބު ބާއްވާނެ ދުވަސް ކަނޑައެޅުމާއި އަދި އިލެކްޓޯރަލް ކޯޑު ފާސްކުރުން ހިމެނެއެވެ.
މި ކޮންގްރެސްއާއިއެކު އެފްއޭއެމްގެ ނޯމަލައިޒޭޝަންގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި އަދި އައު ހިންގާ ކޮމިޓީ ހޮވުމަށް އިންތިހާބު ބާއްވާ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު 2025 ގެ ނިޔަލަށް ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށް ވެސް އެފްއޭއެމްއިން ކުރިން ހާމަކޮށްފައިވެއެވެ.