ޚަބަރު
އޭއައިއައިބީގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވުމަށް މާލީ ވަޒީރު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

މާލީ ވަޒީރު އޭއައިއައިބީގެ ރައީސް އާއި އެކު. ފޮޓޯ: ވުޒާރާ
އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކު (އޭއައިއައިބީ)ގެ ގަވަރުނަރުންގެ ބޯޑުގެ 10 ވަނަ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ބެއިޖިންގައި ހުންނަ ޗައިނާ ނޭޝަނަލް ކޮންވެންޝަން ސެންޓަރު 2 ގައި މި މަހުގެ 24 އިން 26 އަށް ބޭއްވުނު މި ބައްދަލުވުމުގައި، ވަޒީރު ޒަމީރު ވަނީ ގަވަރނަރުންގެ ޚާއްޞަ ޖަލްސާގައި ބައިވެރިވެވަޑައިގެން، އޭއައިއައިބީގެ ދެން އަންނަ ރައީސް އިންތިޚާބުކުރުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި "ބިލްޑިންގ އޮން އަ ޑެކޭޑް އޮފް އިމްޕެކްޓް" މި މައުޟޫއަށް ބޭއްވުނު ބިޒްނަސް ރައުންޑްޓޭބަލްގައި ވާހަކަފުޅު ދައްކަވާފައިވެއެވެ.
ދަތުރުފުޅުގެ ތެރޭގައި ވަޒީރު ޒަމީރު ވަނީ ޗައިނާގެ މާލީ ދާއިރާގެ އިސްފަރާތްތަކާ ގިނަ ބައްދަލުވުންތަކެއް ބާއްވާފައެވެ. މީގެ ތެރޭގައި ޗައިނާ އެކްސްޕޯޓް އެންޑް ކްރެޑިޓް އިންޝުއަރެންސް ކޯޕަރޭޝަން (ސިނޯޝުއަރ)ގެ އިސްވެރިންނާއި، ޗައިނާ ޑިވެލޮޕްމަންޓް ބޭންކް (ސީ.ޑީ.ބީ)ގެ އިސްއޮފިޝަލުންނާއެކު ބޭއްވުނު ބައްދަލުވުންތައް ހިމެނެއެވެ. މި ބައްދަލުވުންތަކުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރެއްވުމުން، އެ މަސައްކަތްތަކަށް އެހީތެރިވުމަށް އެ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް މާލީ ވުޒާރާއިން ބުނެއެވެ.
އަދި އޭއައިއައިބީގެ ރައީސް ޖިން ލިކުންއާއެކު ބޭއްވުނު ބައްދަލުވުމުގައި، ދެފަރާތުގެ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމުގައި އޭއައިއައިބީގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގައި ކުރިއަށްދާ މުހިންމު މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުވާލައްވައި، ދިވެހިރާއްޖޭގެ ކުރިމަގުގެ ފައިނޭންސިންގ ބޭނުންތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
އޭއައިއައިބީގެ 10 ވަނަ އަހަރީ ބައްދަލުވުމުގައި އޭއައިއައިބީގެ މެންބަރު ގައުމުތަކުގެ އިތުރުން، ވިޔަފާރިވެރިންނާއި، ސިވިލް ސޮސައިޓީގެ ޖަމިއްޔާތަކާއި، މީޑިއާގެ ފަރާތްތަކާއި، ބައިނަލްއަޤްވާމީ މާހިރުން ބައިވެރިވެވަޑައިގެންފައިވެއެވެ.