ޚަބަރު
ހުޅުމާލެ ހޮސްޕިޓަލަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް އަލުން ޚިދުމަތް ދޭން ފަށައިފި

ހުޅުމާލެ ހޮސްޕިޓަލް. ފޮޓޯ: ރާއްޖެ އެމްވީ
ހުޅުމާލެ ހޮސްޕިޓަލުގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލުކޮށް، ހޮސްޕިޓަލުގެ ޚިދުމަތްތައް އާންމު ހާލަތަށް އަނބުރާ ގެނެވިއްޖެއެވެ.
ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ހޮސްޕިޓަލުގެ ކަރަންޓު ކެނޑި، ގިނަ ޚިދުމަތްތަކަށް ބުރޫއެރި ނަމަވެސް، މިހާރު ވަނީ އެ މައްސަލަ ފުރިހަމައަށް ހައްލުކޮށްފައެވެ.
ހޮސްޕިޓަލުން މައުލޫމާތު ދެއްވި ގޮތުގައި، މި މައްސަލަ ހައްލުކުރެވިފައިވަނީ ސްޓެލްކޯ އަދި އެމްއެންޑީއެފްގެ އެހީތެރިކަމާ އެކުގައެވެ. މިގޮތުން ކަރަންޓު ކޭބަލް އަޅައި ނިންމައި، މިއަދު ހެނދުނު 8:30 ހާއިރު ވަނީ ކަރަންޓު ދީފައެވެ. އަދި އާންމު ހާލަތަށް ގެނައުމުގެ ކުރިން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ގޮތުން އެކި ޓެސްޓުތައް ކުރެވުނެވެ.
ކަރަންޓުގެ މައްސަލަ ދިމާވުމާ ގުޅިގެން، ހޮސްޕިޓަލުގެ އޯޕީޑީ ޚިދުމަތް ވަނީ ފޭސް 2 ގެ ހިޔާ ޓަވަރު 16 ގައި ހިންގަމުންދާ ޖީޕީ ކްލިނިކަށް ވަގުތީ ގޮތުން ބަދަލުކުރެވިފައެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ ބަލިމީހުން ވެސް ވަނީ އައިޖީއެމްއެޗް އަދި ހޮސްޕިޓަލުގެ ދަށުން ހިންގާ އެހެން އިމާރާތްތަކަށް ބަދަލުކުރެވިފައެވެ.
މި ހާލަތުގައި ރައްޔިތުން ދެއްވި އެއްބާރުލެއްވުމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ހަމައެހެންމެ، ހޮސްޕިޓަލުގެ ޚިދުމަތްތައް އާންމު ހާލަތަށް ގެނައުމަށް ސްޓެލްކޯ، އެމްއެންޑީއެފް އަދި އެހެނިހެން ގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާކުރައްވާފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ހުޅުމާލެ ހޮސްޕިޓަލަކީ 100 އެނދުގެ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސަރުކާރުން ވަނީ މި ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް އަޕްގްރޭޑް ކުރައްވާފައެވެ. މި ހޮސްޕިޓަލުން ހުޅުމާލޭގެ ދެ ފިޔަވަހީގެ ރައްޔިތުންނަށް ގިނަގުނަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދެމުން ގެންދެއެވެ.