ޚަބަރު
މަސްތުވާތަކެތީގެ ނުރައްކަލުން މުޖުތަމަޢު ސަލާމަތްކުރުމަށް ކުރާ މަސައްކަތުގައި ސަރުކާރުން ދެމިއޮންނާނެ: ރައީސް

ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް
މަސްތުވާތަކެތީގެ ނުރައްކަލުން މުޖުތަމަޢު ސަލާމަތްކުރުމަށް ކުރާ މަސައްކަތުގައި ސަރުކާރުން ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރެވޭ މަސްތުވާތަކެއްޗާ ދެކޮޅަށް ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއަކީ ފުންކޮށް ގަނޑު ޖެހިފައިވާ މައްސަލައެއް ކަމަށާއި، މި މައްސަލައަށް ހައްލެއް ހޯދުމަށް ދުނިޔޭގެ ހުރިހާ ޤައުމުތަކެއް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޤާނޫނު ތަންފީޒުކުރުމާއި، މަސްތުވާތަކެތިން ރައްކާތެރިވުމާއި، ފަރުވާ ދިނުމާއި، މުޖުތަމަޢުއަށް އަނބުރާ ގެނައުމުގެ މަސައްކަތްތައް އެއް އޮނިގަނޑެއްގެ ދަށުން ކުރިއަށް ގެންދާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ރާއްޖެ އަކީ ރައްކާތެރި އަދި ދުޅަހެޔޮ މުޖުތަމަޢުއަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ދެމިތިބޭނެ ކަމަށާއި، މަސްތުވާތަކެއްޗާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރާ މަސައްކަތުގައި ރާއްޖެއިން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކުރަން ފެށީ 1989 ވަނަ އަހަރުން ފެށިގެންނެވެ. މި އަހަރު މިދުވަހުގެ ޝިޢާރަކީ “ހޭލުންތެރި އެއް އާއިލާ، ރައްކާތެރި މުޖްތަމަޢު” އެވެ.